ރާއްޖޭގެ އުފެއްދުންތައް ރާއްޖޭން ބޭރުގެ ބާޒާރަށް އެކްސްޕޯޓް ކުރާ ފަރާތްތަކުގެ އަތުން ނަގަމުން އަންނަ އެކްސްޕޯޓް ކޮންޓެއިނަރ ޓްރާންސްފާ ކުރުމަށް ނަގާ އަގުތައް ކުޑަ ކުރުމަށް އެމްޕީއެލުން ނިންމައިފިއެވެ.

އެމްޕީއެލުން ބުނީ، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން އާންމުންގެ އަތުން ނަގަމުން އަންނަ އަގުތައް ކުޑަ ކުރަން ނިންމާފައިވާ ކަމަށެވެ.

މި ބަދަލަކީ ރާއްޖޭން މުދާ އެކްސްޕޯޓް ކުރާ ފަރާތްތަކަށް ވާދަވެރި އަގުތަކެއްގައި ބޭރުގެ ބާޒާރުގައި ދިވެހި އުފެއްދުންތައް ވިއްކުމުގެ މަގު ފަހިކޮށްދީ، ރާއްޖޭގެ އެކްސްޕޯޓް ވިޔަފާރި އިތުރަށް ކުރިއަރުވައި، އެކްސްޕޯޓް ވިޔަފާރީގައި ވާދަކުރާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށް އެމްޕީއެލުން ބުންޏެވެ.

އެމްޕީއެލުން ބުނީ، މި ބަދަލާއެކީ އެކުންފުނިން މިހާރު ނަގަމުންދާ އެކްސްޕޯޓް ކޮންޓެއިނަރ ޓްރާންސްފާގެ އަގުތައް، އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ގާތްގަނޑަކަށް 75 އިންސައްތަ ކުޑަ ވާނެ ކަމަށެވެ.

މިހާރުގެ އަގުތައް:

20 ފޫޓުގެ ކޮންޓޭނަރަކަށް ޖީއެސްޓީ ނުލާ 4،419.03 ރުފިޔާ

40 ފޫޓުގެ ކޮންޓޭނަރަކަށް ޖީއެސްޓީ ނުލާ 8،767.51 ރުފިޔާ

އަގުތަކަށް ގެނެވުނު ބަދަލުތައް:

20 ފޫޓުގެ ކޮންޓޭނަރަކަށް ޖީއެސްޓީ ނުލާ 1،132.08

40 ފޫޓުގެ ކޮންޓޭނަރަކަށް ޖީއެސްޓީ ނުލާ 2،264.15 ރުފިޔާ

އެކްސްޕޯޓް ކޮންޓެއިނަރ ޓެރިފަށް ގެނެވުނު ބަދަލާ ގުޅޭ ގޮތުން މައުލޫމާތު ދިނުމާއި މުދާ އެކްސްޕޯޓް ކުރާ ފަރާތްތަކަށް މިހާރު ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެމްޕީއެލުން ވަނީ ރާއްޖޭން ބޭރަށް ކަނޑުމަހުގެ ބާވަތްތައް އެކްސްޕޯޓް ކުރާ ފަރާތްތަކާ މިއަދު ބައްދަލު ކޮށްފައެވެ.

މިބައްދަލު ކުރެއްވުމުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، އަގުތަކަށް ބަދަލު ގެނެސްފައިވަނީ މިހާރު ނަގަމުންދާ އަގުތަކާއި މެދު މީގެ ކުރިން އެކްސްޕޯޓަރުން ކަންބޮޑުވުން ފާޅުކޮށްފައިވާތީ އެފަރާތްތަކަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.