ޗައިނާގެ އީސްޓާން އެއާލައިންއިން ރާއްޖެއަށް ދަތުރުތައް ފަށައިފި އެވެ.

ޗައިނާގެ އީސްޓާން އެއާލައިންއިން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް ހުއްޓާލީ ކޮވިޑް-19 ބަލިމަޑު ކަމާއި ގުޅިގެންނެވެ.

ނަމަވެސް މިއަދު މެންދުރު އެ އެއާލައިންއިން ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަނީ ދަތުރުތައް ފަށައިފަ އެވެ.

ޗައިނާގެ ޝަންގްހާއީއިން ރާއްޖެއައި އެ ފްލައިޓަށް މިއަދު ވަނީ ވޯޓާ ސެލިއުޓެއް ވެސް އަރުވައިފަ އެވެ.

ޗައިނާ އީސްޓާން އެއާލައިންއަކީ އެ ގައުމުގެ ތިންވަނައަށް އެންމެ ބޮޑު އެއާލައިން އެވެ.

އެ އެއާލައިންގެ އިތުރުން ބެއިޖިން ކެޕިޓަލް އެއާލައިންސްއިން ވެސް މިހާރު ރާއްޖެއަށް ވަނީ ދަތުރުތައް ފަށައިފައެވެ. އަދި މި މަހު ޗައިނާ ސަދާން އެއާލައިންގެ ދަތުރުތައް ވެސް ރާއްޖެއަށް ފަށާނެ އެވެ.

ކޮވިޑަށް ފަހު ޗައިނާގެ ފަތުރުވެރިން ރާއްޖެ އަންނަން ފެށީ މިދިޔަ މަހު ފަހުކޮޅު އެވެ، އެއާއެކު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ލިސްޓަށް ޗައިނާ ވަނީ އަރައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން ފުރަތަމަ ހަފްތާ ވެސް 2500 އަށްވުރެ ގިނަ ޗައިނާ ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.

ރާއްޖެއަށް ޗައިނާ ފަތުރުވެރިން އަންނަން ފަށާފައިވާއިރު، ޗައިނާއަކީ ކޮވިޑްގެ ކުރިން އެންމެ މުހިންމު އެއް މާކެޓެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން ޗައިނާ ރައްޔިތުންނަށް އެއްވެސް ތަނަކަށް ދަތުރު ނުކުރެވޭ ގޮތަށް ހެދުމުން ޗައިނާ ފަތުރުވެރިން އައުން މެދުކެނޑުނެވެ.

ނަމަވެސް އަނެއްކާވެސް ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން އަންނަން ފެށުމުން، ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަރާނެ ކަމަށް ވަނީ ބެލެވިފައެވެ.