މިއަހަރު މިހާތަނަށް 350،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކަފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު 177،914 ފަތުރުވެރިން ވަނީ ރާއްޖެ އަށް ޒިޔާރަތް ކޮށްފައެވެ. މިއީ މިދިޔަ އަހަރު ފެބްރުއަރީ މަހަށް ވުރެ އިތުރު އަދަދެކެވެ. މިދިޔަ އަހަރު ފެބްރުއަރީގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 149،011 ފަތުވެރިންނެވެ. މިއަހަރު ފެބްރުއަރީ މަހު ދުވާލަކު އެވްރޭޖްކޮށް 6354 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.

މިއަހަރު ޖަނަވަރީ މަހު ރާއްޖެ އައިސްފައިވަނީ 172،499 ފަތުރުވެރިންނެވެ. އެހެންކަމުން މިއަހަރުގެ ފުރަތަމަ ދެމަސް ނިމުނުއިރު މިހާތަނަށް ޖުމްލަ 350،413 ފަތުރުވެރިން ވަނީ ރާއްޖެ އަށް ޒިޔާރަތް ކޮށްފައެވެ.

މިއަހަރު މިހާތަނަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ ރަޝިޔާ އިންނެވެ. އެގައުމުން 44748 ފަތުރުވެރިން ވަނީ ރާއްޖެ އަށް ޒިޔާރަތް ކޮށްފައެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކޮށްފައި ވަނީ އިންޑިއާއިންނެވެ. އެއީ 38,109 ފަތުރުވެރިންނެވެ. ތިން ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ އިނގިރޭސިވިލާތުން ރާއްޖެ އަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 32000 އަށް އަރައެވެ.

ރަޝިއާގެ ފަތުރުވެރިންނަށް ހުޅަނގުގެ ގައުމުތަކުގައި ފައިސާގެ މުއާމަލާތްތައް ކުރަން ހުރި ހުރަސްތަކާއި ގުޅިގެން މިއަހަރު ރާއްޖެ އަށް އަންނަ ރަޝިއާ ފަތުރުވެރިންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ބެލެވެއެވެ. އަދި ޗައިނާ ކޮވިޑަށް ފަހު ހުޅުވާލައި، ޗައިނާ އާއި ރާއްޖެއާ ދެމެދު ދަތުރުކުރާ އެއާލައިންތައް އިތުރު ވަމުން އަންނާތީ ޗައިނާ އިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވެސް އިތުރުވާނެ ކަމަށް ބެލެވެއެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު ސަރުކާރުގެ އަމާޒަކީ މިއަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދަށް ބަލާއިރު އަހަރު ނިމޭއިރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދެމިލިއަން ހުރަސް ކުރުން ވެސް އެކަށީގެންވެއެވެ.