ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން އަދި ސިއްހަތު ކުރިއެރުވުމަށް ބީނާރު ކެމްޕޭނުގައި ނަމުގައި ކެމްޕޭނެއް ބާއްވައިފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިމަހުގެ ހަތަރު ވަނަ ދުވަހުން 7 ވަނަ ދުވަހަށް ބޭއްވި މި ކެމްޕޭނު އިފްތިތާހު ކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.

އެމްއޭސީއެލުން ބުނީ، މި ކެމްޕޭނުގެ ތެރެއިން ހަރަކާތް ފެށުމުގެ ގޮތުން ސޭފްޓީ ރަންއެއް ބާއްވާފައިވާ ކަމަށެވެ. މި ދުވުމަކީ އެއާޕޯޓު ކޮމިއުނިޓީގެ މުވައްޒަފުންނާއި ސްޓޭކްހޯލްޑަރުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމެއް ކުރިއެރުވުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ ދުވުމެކެވެ.

ކެމްޕޭނުގެ ތެރެއިން މިމަހުގެ ފަސް ވަނަ ދުވަހުން ހަތް ވަނަ ދުވަހަށް ވަނީ މުވައްޒަފުންގެ ހެލްތް ސްކްރީނިން ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ ތެރެއިން 500 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ސްކްރީން ކޮށްފައެވެ. މި ހަރަކާތުގައި ބީއެމްއައި، ލޭގައި ހަކުރު ހުރި މިންވަރު، ހިތުގެ ބަލިތަކުގެ ނުރައްކާ، ލޮލާއި ދަތުގެ ޗެކްއަޕް ތައް ވަނީ ހަދާފައެވެ.

އެމްއޭސީއެލް ސޭފްޓީ، ސެކިއުރިޓީ އެންޑް ކޮމްޕްލަޔަންސް ޑިޕާޓްމަންޓުން ވަނީ މި ކެމްޕެއިންގެ ތެރެއިން ބޮޑެތި 18 ޓްރެއިނިން ސެޝަނާއި ހޭލުންތެރިކުރުމުގެ ހަރަކާތްތައް ވެސް ކުރިއަށް ގެންގޮސްފައެވެ.

މިހަރަކާތްތަކުގެ ތެރޭގައި އެއާލައިން ހޭންޑްލިން އެޖެންޓުންނާއި އެއާޕޯޓުގެ މުވައްޒަފުންނަށް ބޭނުންވާ އަސާސީ ސަލާމަތީ ތަމްރީނާއި، ސަލާމަތާއި ރައްކާތެރިކަމާ، ސޭފްޓީ އެންޑް ސެކިއުރިޓީއާ ބެހޭ ސެޝަނަކާއި، ބަޔަކަށް ޝައްކު ކުރެވިއްޖެނަމަ ކަންތައް ކުރާނެ އުސޫލުގެ ސެޝަނަކާއި އެސްއޯޕީ އަދި ސިސްޓަމް އެވެއާނެސް ޓްރެއިނިންގެ އިތުރުން އެއާލައިންތަކަށް އެއާސައިޑް ސޭފްޓީ ސްޓޭންޑާޑްސް އާއި އެއާލައިން ޑިސްޕެޗް އަށް އަމަލު ކުރުމަށް ޓްރެއިނިން ސެޝަނެއް ހިމެނެއެވެ.

އެމްއޭސީއެލުން ބުނީ، މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ މަންޓާ އެއާލައިންސް އާއި ވިލާ އެއާ އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގުޅިގެން ކަމަށެވެ. މި ހަރަކާތްތަކުގައި 300 އަށްވުރެ ގިނަ މުވައްޒަފުންނާއި ސްޓޭކްހޯލްޑަރުން ވަނީ ބައިވެރިވެފައެވެ.

މިކެމްޕޭނުގެ ތެރެއިން އޭވިއޭޝަން އިންޑަސްޓްރީގައި ސަލާމަތާއި ރައްކާތެރިކަމުގެ އިޖުރާއަތްތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައި ސޭފްޓީ އެންޑް ސެކިއުރިޓީ އެވެއާނެސް ކުއިޒެއް ވެސް ވަނީ ބާއްވާފައެވެ. އެއާޕޯޓު ކޮމިއުނިޓީއަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ކުއިޒްގައި އެއާޕޯޓުގެ 600 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މީގެ އިތުރުން ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަންގެ 60 ދަރިވަރުންނަށް އެއަރޕޯޓް ފެމިލިއަލައިޒޭޝަން ޓުއަރއެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި އެއާޕޯޓުގައި ހަރަކާތްތެރިވާ ފަޔަރ މަނުންނަށް ވަނީ އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެނަމަ، އަމަލުކުރަންޖެހޭ ގޮތްތަކަށް ކޯޕަރޭޓް އޮފީހުން ހޮވާލެވުނު މުވައްޒަފުން ތަމްރީނުކުރުމަށް ފަޔަރ ވަރޑެން ޓްރެއިނިންގ އެއް އެއަރޕޯޓް އެމަރޖެންސީ ޑިޕާޓްމެންޓުގެ ފަޔަރ ޕްރިވެންޝަން ޔުނިޓުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މި ތަމްރީނުގައި އެމް.އޭ.ސީ.އެލްގެ ކޯޕަރޭޓް އޮފީހުގެ 13 މުވައްޒަފެއް ތަމްރީންކޮށްފައިވެއެވެ. އަދި ޓްރެނިންގ ނިންމާލީ ކޯޕަރޭޓް އޮފީހުގައި ފަޔަރ ޑްރިލްއެއް ބޭއްވުމަށް ފަހުގައެވެ. މި ޑްރިލްގައި މުޅި އޮފީހުން މީހުން ހުސްކޮށް އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ކަންތައް ކުރަންވީ ގޮތް އަމަލީގޮތުން ވަނީ ދަސްކޮށްދީފައެވެ.

މި ހަރަކާތްތަކުގެ އިތުރުން ސޭފްޓީ، ސެކިއުރިޓީ އެންޑް ކޮމްޕްލިއެންސް ޑިޕާޓްމެންޓާއި ޕާލޭ އާއި އެއާޕޯޓުގައި ހަރަކާތްތެރިވާ ފުލުހުން އަދި އެމްއެންޑީއެފް ގުޅިގެން އެއާޕޯޓުގެ ފަސް ސަރަހައްދަކުން 9 ޓަނުގެ ކުނި ނަގާފައިވާކަމަށް ވެސް އެމްއޭސީއެލުން ވަނީ ބުނެފައެވެ.

އެމްއޭސީއެލުން ބުނީ، ބިނާރު ކެމްޕޭނަކީ ވަރަށް ފުރިހަމަ ކެމްޕޭނެއް ކަމަށާއި އެކުންފުނިން އަބަދު ވެސް މަސައްކަތް ކުރަމުން އަންނަނީ މުޅި އެއަރޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ދަތުރުވެރިންގެ ސަލާމަތްކަން ކަށަވަރު ކުރުމަށް ކަމަށެވެ.