ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލެއް ކަމަށްވާ އޭޑީކޭ ހޮސްޕިޓަލްގެ އޯޕީޑީ ހިދުމަތް ފުޅާކޮށް މިއަދު ހިދުމަތް ދޭން ފަށައިފި އެވެ.

" ވަގުތު " އަށް މައުލޫމާތު ދެއްވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އޯޕީޑީގެ ހިދުމަތް ދިނުމަށް ކުރިން، ފުޑް ކޯނަރ ހުންނަ ތަނުގައި ނުވަ ކޮޓަރިއެއް ހުންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެތަން ފަރުމާކޮށްފައި ހުންނާނީ ބަލިމީހާއަށް ހިތްހަމަޖެހުން އިހުސާސް ކުރެވޭނެ ގޮތަށް ކަމަށެވެ.

"ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން ރޭގަނޑު 10 އަށް އޯޕީޑީގައި ސްޕެޝަލިސްޓުންގެ ހިދުމަތް ކުރިއަށް ދާނެ. ޖެނެރަލް އޯޕީޑީތަކުގެ ހިދުމަތް 24 ގަޑިއިރު ދޭނެ " އަފްއާލް ވިދާޅުވިއެވެ.

އައްފާލް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި، އެތަނަށް އިތުރު ބަދަލުތަކާއި ކުރިއެރުންތައް ގެންނާނެ ކަމަށް ކަމަށެވެ.

އޭޑީކޭގެ އޯޕީޑީގައި ވަނީ ސާވިސް ކައުންޓަރުތަކާއި ކްލިނިކަލް ސަޕޯޓު ކައުންޓަރުތައް ގާއިމުކޮށްފަ އެވެ. މީގެއިތުރުން، މައިންނަށް ހާއްސަ ރޫމަކާއި ފާހަނާއަކާއި އިތުރު ވަސީލަތްތައް ވަނީ ގާއިމުކޮށްފަ އެވެ.

އޯޕީޑީގެ ކޮޓަރިތަކަކީ ބަލި މީހުންނަށް ފަސޭހަކަމާއެކު ތިބެވޭނެ ތަންތަން ކަމަށާއި އެ ތަނުން ބައެއް ބަލިތަކަށް ފަރުވާ ކުރެވެން ހުންނާނެ ކަމަށް އަފްއާލް ވިދާޅުވިއެވެ.

އޭޑީކޭ އަކީ ރާއްޖޭގެ ސިއްހީ ހިދުމަތް ކުރިއެރުވުމަށް ވަރަށްވެސް ބޮޑަށް މަސައްކަތް ކުރާ ޕްރައިވެޓް ހޮސްޕިޓަލެކެެވެ.

އެގޮތުން ދާދި ފަހުން އޭޑީކޭއިން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިތުގެ ބައިޕާސް އޮޕަރޭޝަނެއް ވެސް ކޮށްފައެވެ. އަދި ދާދިފަހުން އެންމެ ޒަމާނީ ވަސީލަތްތައް ގާއިމްކޮށްފައިވާ ހިތުގެ އޮޕަރޭޝަނަށް ހާއްސަ ކެތްލެބާއި، ތިއޭޓަރ ކޮމްޕެލްކްސް ވެސް އޭޑީކޭގައި ވަނީ ހުޅުވާފައިއެވެ. އެތަނުގައި އޯޕެން ހާޓް ސާރޖަރީ ހަދާ ތިއޭޓަރެއް ވެސް ހިމެނެއެވެ. އަދި ފަސް އެނދުގެ ކާޑިއެކް ކެއާރ ޔުނިޓެއް ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އޭޑިކޭގެ ޕޭޝަންޓް

    ތިޔަ ހިދުމަތް ފުޅާކޮށްފަ ނަގާ ޗާރޖްވެސް ފުޅާ ކުރާނެ.. އެކަމަކު ބަލި މީހާއަށް ދޭ ފަރުވާއެއް އެމީހުންގެ ވަގުތެއް ފުޅައެއް ނުވާނެ.. ތީ އޭޑީކޭއެއްނުން