އިންޑިޔާގެ ގޯ ފަސްޓް އެއާލައިން ބަނގުރޫޓުވެއްޖެއެވެ.

ބީބީސީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ގޯ ފަސްޓް އެއާލައިނުން ވަނީ މި ހަފްތާ ކުރީކޮޅުގައި އެއަރލައިންގެ ހުރިހާ ފްލައިޓް ދަތުރުތައް ކެންސަލްކޮށްފައެވެ. މިކަމާއި ގުޅިގެން ވަރަށް ގިނަ ކަސްޓަމަރުންގެ ޝަކުވާތައް ކުރިމަތިވަމުންދާއިރުގައި ގޯ ފަސްޓްގެ ޓިކެޓިންގ އެޖެންޓުން ދަނީ އެ އެއަރލައިންގެ ފްލައިޓްތައް ބުކްކޮށްފައިވާ ކަސްޓަމަރުންނަށް ފައިސާ އަނބުރާ ދައްކަމުންނެވެ.

ބީބީސީއިން ރިޕޯޓްކުރާގޮތުގައި ގޯ ފަސްޓްއަށްވުރެ ކުދި އިންޑިޔާގެ އެހެން އެއަރލައިންތަކުން ދަނީ ގޯ ފަސްޓް އެނބުރި ނާންނާނެ ފަދައިން ޑީރަޖިސްޓަރ ކުރުމަށް އެ ޤައުމުގެ އޭވިއޭޝަން ރެގިއުލޭޓަރއާއި މުއާމަލާތްކުރަމުންނެވެ.

ގޯ ފަސްޓްގެ ކުރިން މީގެ ކުރީގައި ފުޅާ ދާއިރާއަކަށް ޚިދުމަތްދެމުންގެންދިޔަ އިންޑިޔާގެ އެއަރލައިނަކަށް ބަލާއިރު، މިފަދަ ގޮތަކަށް ބަނގުރޫޓު ވެފައިވާ ދެވަނަ އެއަރލައިނަކީ ޖެޓް އެއަރވޭސްއެވެ. ގޯ ފަސްޓް އެއަރލައިން ވެގެންދިޔައީ ބޮޑެތި އެއަރލައިންތަކުގެ ތެރެއިން ވޭތުވެދިޔަ 4 އަހަރުގައި ބަނގުރޫޓުވީ 2 ވަނަ އެއަރލައިނަށެވެ.

ގޯ ފަސްޓް ބަނގުރޫޓުވެގެންދިޔަކަން ހާމަވެގެންދިޔައީ ބުރާސްފަތި ދުވަހުގައި އެ އެއަރލައިނުން ނޭޝަނަލް ކޮމްޕެނީ ލޯ ޓްރައިބިއުނަލްގައި ބަނގުރޫޓުވީކަން ރަސްމީކޮށް އިއުލާންކުރުމުންނެވެ. ގޯ ފަސްޓް އެއާލައިނުން ވަނީ މުސްތަޤްބަލުގައި އެ އެއާލައިން ހިންގުމަށް ހުއްދަ ދިނުމަށް ކޯޓުން ވަގުތީ އިރުޝާދުތަކެއް ދިނުމަށް އެދިފައި އަދި ރެގިއުލޭޓަރ އަޅާފާނެ އެކަމަށް ހުރަސްއެޅޭނެ އަމަލެއް ހުއްޓުވުމަށްވެސް އެ އެއަރލައިނުން ވަނީ އެދިފައިއެވެ.

އެ ކުންފުނިން ބަނގުރޫޓުވީކަން ހާމަކޮށްދޭ ލިޔެކިޔުންތަކުގައި ބުނެފައިވަނީ މިހާތަނަށް އެ ކުންފުނިން ދަރަނި ދައްކަންޖެހޭ މުއްދަތެއް ފަހަނައެޅުމުގެ ކުރިން ދަރަނި އަދާނުކޮށް ނުވާނެ ކަމަށެވެ. އަދި ބަނގުރޫޓު ވާންޖެހުނީ ކުންފުނީގެ ފަންޑުތައް ބޭނުންކުރުމުގައި ގޯސް ހެދިގެން ނޫންކަމަށްވެސް ގޯ ފަސްޓް އެއަރލައިނުން ބުނެފައިވެއެވެ.