ރަޝިއާގެ އަޒޫރު އެއާލައިންއިން ރާއްޖެއަށް ދަތުރުތައް ފަށައިފި އެވެ.

މިއީ ރާއްޖޭގެ ޓޫރިޒަމް ސީޒަނާ ދިމާކޮށް ރަޝިއާގެ އެއާލައިންއިން ފެށި ޗާޓަރު ދަތުތުތަކެކެވެ.

އެ އެއާލައިން މީގެ ކުރިން ވެސް ރާއްޖޭގެ ޓޫރިޒަމް ސީޒަނާއި ދިމާކޮށް ޗާޓަރު ދަތުރުތައް ބާއްވަ އެވެ.

މި ފަހަރު ދަތުރުތައް ކުރަނީ ރަޝިއާގެ ވެރިރަށް މޮސްކޯއިންއިން އެވެ. ނަމަވެސް މީގެ ކުރިން ޔުކްރޭންއިން ވެސް އެ އެއާލައިންއިން ރާއްޖެއަށް ދަތުރުކުރު އެވެ.

އަޒޫރު އެއާލައިންއިން ރާއްޖެއަށް ދަތުރުތައް ފެށިއިރު ލަންކާއަށް ވެސް އެ އެއާލައިން ވަނީ ދަތުރުތައް ފަށައިފަ އެވެ.

އެކަމަކު ޔުކްރޭންގެ ހަނގުރާމައާ ގުޅިގެން ޔުކްރޭންއާ ގުޅުންތައް ވަނީ އެފުށް މިފުށަށް ޖެހިފަ އެވެ.

ރާއްޖޭގެ ޓުއާ އޮޕަރޭޓަރެއް ކަމަށްވާ އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު "ވަގުތަށް" ވިދާޅުވީ ރަޝިއާގެ ޓޫރިސްޓުން ފުދޭ ވަރަކަށް ރާއްޖެ އަންނަމުންދާ ކަމަށެވެ. ނަމަވެސް އަދިވެސް ރަޝިއާ- ޔުކްރޭންގެ ހަނގުރާމައިގެ ކުރިން އަންނަ ވަރަށް ނާންނަ ކަމަށެެވެ. އެހެން ނަމަވެސް އިރުމަތީ ޔޫރަޕުން ފަތުރުވެރިން ރާއްޖެ އަންނަވަރު ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރަޝިއާގެ ގިނަ މީހުން އަންނަނީ ތުރުކީގެ އޮޕަރޭޓަރުން މެދުވެރިކޮށް." ފިރާގް ވިދާޅުވި އެވެ.

ކުރިން ރަޝިއާގެ ފަތުރުވެރިންނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގައި އެންމެ މުހިންމު އެއް ތަނބެވެ. ނަމަވެސް ރަޝިއާއާ ދެކޮޅަށް ހުޅަނގުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން މި އަހަރު ކުރީކޮޅު އެ މާކެޓަށް ވަރަށް ބޮޑަށް ލޮޅުން އެެރި އެވެ.