ދުނިޔޭގެ އެންމެ ބޮޑު އެއް މަހުޖަނު އިލޮން މަސްކްގެ ކުންފުނި ސްޓާލިންކަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން މިއަދު ލައިސަންސް ދޫކޮށްފިއެވެ.

ސްޕޭސް އެކްސް އިން ހިންގާ ސްޓާލިންކަކީ ފުޅާ ދާއިރާއެއްގައި ދުނިޔޭގެ ގައުމުތަކުގައި ސެޓެލައިޓް އިންޓަނެޓް ހިދުމަތްދޭ އެމެރިކާގެ އެންމެ ވަރުގަދަ ކުންފުންޏެވެ.

އެ ކުންފުންޏަށް ލައިސަންސް ދޫކުރުމަށް ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ސްޓާލިންކްގެ ހިދުމަތް ލިބޭ ފުރަތަމަ ގައުމަކަށް ރާއްޖެ ވުމަކީ ލިބޭ ބޮޑު ޝަރަފެއް ކަމަށެވެ.

ޝައުނާ ވިދާޅުވީ އިންޓަނެޓް ހިދުމަތުގެ ލައިސަންސް އިތުރު ކުންފުންޏަކަށް ދިނުމަށް ނިންމީ ރާއްޖޭގައި ދޭ އިންޓަނެޓްގެ ހިދުމަތްތަށް އިތުރަށް ތަރައްގީކޮށް ފުޅާކުރުމުގެ ގޮތުން ކަމަށެވެ. ޒަމާނީ ޓެކްނޮލޮޖީތައް ތައާރަފްކޮށް، ވާދަވެރި މާހައުލެއްގެ ތެރެއިން ހެޔޮ އަގުގައި ފެންވަރު ރަނގަޅު މުވާސަލާތީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ މާހައުލެއް ގާއިމްކުރުމަކީ އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ސްޓާލިންކުގެ އިންޓަނެޓްގެ ހިދުމަތާ އެކު، ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށާއި ކަނޑު ދަތުރުކުރާ އުޅަނދުފަހަރަށް ވެސް ހަލުވި ބާރު އިންޓަނެޓް ހިދުމަތް ލިބުމަށް މަގުފަހި ވާނެ" ޝައުނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ލައިސަންސްގެ ލިޔުން ސްޓާލިންކާ ހަވާލުކޮށްދެއްވީ މިނިސްޓަރު ޝައުނާއެވެ. ސްޓާލިންކްގެ ފަރާތުން ލައިސަންސް އާއި ހަވާލުވެވަޑައިގަތީ ސްޕޭސްއެކްސްގެ ސީނިއާ ޑިރެކްޓަރު ގްލޯބަލް ލައިސަންސިން އެންޑް އެކްޓިވޭޝަން، މރ. ރަޔަން ގުޑްނައިޓްއެވެ.

ރަޔަން ގުޑްނައިޓް ވިދާޅުވީ ސްޓާލިންކާ އެކުގައި ރާއްޖޭގައި އިންޓަނެޓް ސްޕީޑް އިތުރަށް ހަލުވިވެގެން ދާނެ ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ހިސާބަކު ހުރި ކަމުގައި ވީނަމަވެސް މި ސެޓަލައިޓް ބޭނުންކޮށްގެން އެ މީހަކު ހުންނަ ސަރަހައްދު އެނގިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރަޔަން ވިދާޅުވީ މި ލައިސެންސާއެކު ފަޅު ރަށެއްގައި ނުވަތަ ރޭންޖް ނުލިބޭ ހިސާބެއްގައި ވީނަމަވެސް މި ސެޓަލައިޓް ބޭނުންކޮށްގެން ރޭންޖް ލިބިގެން ދާނެކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސ

    މުއިޒްގެ ވިޝަންގަ އިން ކަމެއް އިންތިހާބު ބޯމަތިވީމަ އަވަހައް އިއުލާނު ކުރީ. ކޮބާ މިދިޔަ 5 އަހަރު ކީއްވެ މިކަން ނުކުރީ؟

    6
    2
    • އަދުރޭ އީސަ

      ދޮޅު އަހަރުގެ މަސައްކަތުން މިކަން ކާމިޔާބުވީމަ އިސްތައްޓޭ ނުކިޔަބަލަ

      1
      4
  2. މުދި

    ތިކަހަލަ މެޑަލް ޖެހުން ކަލޭމެންނަށް ކުރެވޭނެ ކަމަކީ. ތިޔަކަން އެއްވަނަ އަށް ކުރެވުނީމާ އަހަރެމެންނަށް ލާރިގަޑެއް ލިބުނީތަ. ނުވަތަ އޭޝިޔާ އެހެން ޤައުމުތައް ބަޑަށް ޖެހުނީތަ

    7
    2
    • މުދިހަންގަނޑު

      ކަލޭ އެންމެ ބާރަަށް ހަލޭއްލީ ނެޓް އަގުބޮޑުވެ.

      1
      1
  3. ބޮޑުބެ

    ބޭކާރު ކަމެއް. ހަމަ ސުރުހީއަށް އަރަން ވެގެން. އެހެން ގައުމުތަކުން ތިކަން ނުކުރަނީ ނުވެގެނެއްނޫން.