އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް 100 އެއްހާ ސްޓާލިންކް ޑިވައިސް މެދުވެރިިކޮށް އިންޓަނެޓް ފޯރުކޮށްދެމުންދާ ކަމަށް ސްޕޭސް އެކްސް ކުންފުނީގެ ވެރިޔާ އީލޮން މަސްކު ވިދާޅުވެއްޖެއެވެ.

އީރާނުގައި މުޒާހަރާތައް ފެށުނު ފަހުން އެ ގައުމުގެ ސަރުކާރުން އޮތީ އިންޓަނެޓް ބްލޮކްކޮށްފައެވެ. އެހެން ނަމަވެސް އީރާނުގެ މީހުންނަށް މިނިވަންކަމާއެކު އިންޓަނެޓް ފޯރުކޮށްދޭން މަސައްކަތް ފަށާނެ ކަމަށް އީލޮން މިދިޔަ ސެޕްޓެމްބަރު މަހު އޮތީ ވިދާޅުވެފައެވެ.

އަދި ވައުދާ އެއްގޮތަށް މިހާރު 100 އެއްހާ ސްޓާލިންކް ޑިވައިސް މެދުވެރިކޮށް އިންޓަނެޓް ފޯރުކޮށްދެމުންދާ ކަމަށް އީލޮން ވިދާޅުވިއެވެ.

ބައެއް ރިޕޯޓްތައް ބުނެފައިވާ ގޮތުގައި ސްޓާލިންކްގެ ސާމާނުތައް މިދިޔަ ސެޕްޓެމްބަރު މަހާއި އަދި އޮކްޓޫބަރު މަހު ވަނީ ވަގަށް އެތެރެކޮށްފައެވެ.

ސްޓާލިންކްގެ ހިދުމަތް ދެނީ ސެޓްލައިޓްތަކެއް ޖައްވަށް ފޮނުވައިގެންނެވެ. ސްޓާލިންކްގެ ސެޓްލައިޓްތައް ދަތުރު ކުރާނީ އާއްމުކޮށް ސެޓްލައިޓްތައް ދަތުރުކުރާ ވަރަސް ވުރެ ތިރިންނެވެ.

ސްޓާލިންކް އެކްޓިވޭޓް ކުރުމުން އީރާނުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އަދި މިއީ އީރާނުގެ އިސްތިގުލާލަށް އަރައިގަތުން ކަމަށާއި އެކަމާ ގުޅިގެން ފިޔަވަޅުތައް ނާޅައި ނުތިބޭނެ ކަމަށް ވެސް އެ ގައުމުން ބުނެއެވެ.

އީރާނުން މިހާރު ވެސް ދަނީ އިންޓަނެޓްގެ ބައެއް ޗެނަލްތައް ބްލޮކްކުރަން ސެޓަލައިޓް ޖޭމިން ޓެކްނޮލިޖީ ބޭނުންކުރަމުންނެވެ.

އީރާނުގައި މުޒާހަރާތައް ފެށުނީ އެ ގައުމުގައި ފެޝަން ބުރުގާ އަޅައިގެން އުޅުނު އަންހެނެއް ކަމަށްވާ މަހުސާ އަމީނީގެ މަރާ ގުޅިގެންނެވެ.

މަހުސާ ހައްޔަރުކުރިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ކޯމާއަކަށް ގޮސް ފަހުން ވަނީ މަރުވެފައެވެ. އީރާނުގެ ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި މަހުސާ މަރުވީ ފުލުހުންގެ ވޭނަށް އެރުވުމަށް ފަހު ދިން އަނިޔާތަކާ ގުޅިގެންނެވެ.

އޭނާގެ މަރާ ގުޅިގެން އީރާނުގެ ގިނަ ބަޔަކު ދަނީ މަގުތަކެއް ނުކުމެ ސަރުކާރާ ދެކޮޅަށް ޝުއޫރުތައް ފާޅުކޮށް އަދި ބުރުގާ ވެސް އަންދަމުންނެވެ. އެ މީހުން ތުހުމަތުކުރާ ގޮތުގައި މަހުސާ މަރުވީ ފުލުހުންގެ ވޭނަށް އެރުވުމަށް ފަހު ދިން އަނިޔާތަކާ ގުޅިގެންނެވެ.