ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑްގެ އެހީގައި ގދ. ހޯނޑެއްދޫ ސްޕޯޓްސް އިން ތަރައްގީ ކުރި އޮޅަމައްތާ އިކޯ ޕާކު އާންމުންނަށް ހުޅުވާލައިިއެވެ.

އެ ބޭންކް އިން ވިދާޅުވީ، ކޮންމެ އަހަރަކު މި ސަރަހައްދަށް ދިމާވަމުންދާ އުދަ އެރުމުގެ ސަބަބަން ކުރިމަތިވާ މައްސަލަތައް މި ޕްރޮޖެކްޓްގެ އަޕްގްރޭޑް އަދި އެކްސްޓެންޝަން މަސައްކަތްތަކުގެ ދަށުން ފުރިހަމަކޮށް ނިންމާލާފައިވާ ކަމަށެވެ.

މި ޕްރޮޖެކްޓްގެ ދަށުން ވަނީ އަތިރިމަތީގައި ގަސް އިންދާ، މި ޕާކުގެ ވޯކްވޭ ސާފުކޮށް، 5 ބެންޗު އަދި ސޯލާ ލައިޓް ހަރުކޮށް، ހަޓެއް ބަހައްޓައި، ކުޅީގައި ހެދޭ ގަސްގަހާގެއްސަށް ނާސަރީ އެއް ގާއިމްކޮށްފައެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ހޯޑެއްދޫ ސްޕޯޓްގެ ފަރާތުން މަހްދޫން އާދަމް ވިދާޅުވީ މި ޕްރޮޖެކްޓް ގެ ސަބަބުން އާއިލީ ގުޅުން ބަދަހި ކުރުމަށް ހާއްސަ ސަރަހައްދެއް ގާއިމްވެ، އިކޯ ޓުއަރިޒަމް ގެ ފުރުސަތުތައް ފުޅާވެ، އާންމުންގެ މެދުގައި ޖަންގަލި އަދި ތިމާވެއްޓާ ގުޅުންހުރި ކަންކަމުގައި ހޭލުންތެރިކަން އިރުތުވެގެންދާނެ ކަމަށެވެ.

ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 90 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފައެވެ.