އެލް އަލްފާގެ ނަމުގައި މާލޭގައި އާ ކެފޭއެއް ހުޅުވައިފިއެވެ. މި ކެފޭއަކީ ރާއްޖޭގެ ކުރީގެ މަޝްހޫރުު ގައުމީ ވޮލީ ބޯޅަ ކުޅުންތެރިޔާ ޝިޔާމް ޝަފީގު (ޝިޔަޅޭ)ގެ ވިޔަފާރިއެކެވެ.

ރޭ ބޭއްވި ހަފްލާއެއްގައި މި ކެފޭ ހުޅުވާދެއްވީ ޝިޔަޅޭގެ އަންހެން ދަރިފުޅު ކިއާރާއެވެ.

އެލް އަލްފާ ކެފޭ ހުޅުވީ ރޭގެ ވަގުތެއްގައި - ވަގުތު އިމޭޖްސް:

މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ހުޅުވި މި ކެފޭ ވެގެން ދާނީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ހާއްސަ، ވަކިން ހާއްސަކޮށް ޒުވާނުން ވަރަށް ގަޔާވާނެ ކެފޭއަކަށެވެ.

އެލް އަލްފާގެ ނަމުގައި ހުޅުވި ކެފޭ

ކޮފީއަކީ ޒުވާނުންނަށް ވަރަށް ހާއްސަ އެއްޗަކަށް ވާއިރު، މިތަން ވެގެން ދާނީ ހިތްފަސޭހަ މާހައުލެއްގައި ކޮފީ ބޯން އެންމެ ކަމުދާނެ ތަނަކަށެވެ. ތަން ފަރުމާކޮށްފައި ވަނީ ޒުވާނުންނަށް ތަފާތު ބުއިންތައް ލިބޭނެ ގޮތަށެވެ.

އޯޕެން އޭރިއާ އާއި އަދި އެތެރޭގައިވެސް ތިބެވޭ ގޮތަށް ހުޅުވި މި ކެފޭއަކީ ޕޭސްޓްރީއަށް ހާއްސަ ކެފޭއެކެވެ. މި ކެފޭއަކީ 35 މީހުންގެ ޖާގައިގެ ކެފޭއެއް ކަމުން، މި ކެފޭ ކުދި ޕާޓީތަކަށް ކުއްޔަށްވެސް ދޫކުރެވޭނެއެވެ.

އެލް އަލްފާގެ ނަމުގައި ކެފޭ ހުޅުވި ހަފްލާގައި ރާއްޖޭގައި ނަގާ ކިޔަލެވޭ މިއުޒީޝަނުން ބައިވެރިވި - ވަގުތު އިމޭޖްސް

ރޭ މިތަން ހުޅުވީ ރާއްޖޭގައި ނަގާ ކިޔާލެވޭ ލަވަކިޔުންތެރިން ކަމަށްވާ ހިޝާން، ޝަމްބެ، ޝާދިން، ޒަކިއްޓެ، ކޮކީ، ނާއިގެ އިތުރުން އަމާންގެ ހުށަހެޅުންތަކާއި އެކުގައެވެ.

އެލް އަލްފާގެ ނަމުގައި ކެފޭ ހުޅުވި ހަފްލާގައި ރާއްޖޭގައި ނަގާ ކިޔަލެވޭ މިއުޒީޝަނުން ބައިވެރިވި - ވަގުތު އިމޭޖްސް

ޝިޔަޅޭ "ވަގުތު"އަށް މައުލޫމާތު ދެއްވިގޮތުގައި މިއީ އޭނާގެ ބޮޑު ހުވަފެނެއް ސީދާ ވުމެވެ. މި ވިޔަފާރި ފުޅާ ކުރުމުގެ ވިސްނުން އޭނާ ގެންގުޅޭ ކަމަށާއި އެކަމުގެ ރޭވުންތައް މިހާރު ވެސް ރާވަމުންދާ ކަމަށް އޭނާ ބުންޏެވެ.

މި ކެފޭ ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 1:00 އަށެވެ. އަދި ހުކުރު ދުވަހު ހަވީރު 4:00 އިން ރޭގަނޑު 1:00 އަށެވެ.