ބޭރު ޤައުމުތަކުން އައްޑޫއަށް މުދާ ގެނައުމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގް (އެމްއެސްއެސް) އިން ގަތް ބޯޓު ފުރަތަމަ ދަތުރުގައި އައްޑޫއަށް ބަނދަރުކޮށްފިއެވެ.

އެސްޓީއޯގެ ދަށުން ހިންގާ އެމްއެސްއެސް އިން މިއަހަރު އޯގަސްޓް މަހު ގަނެފައިވާ އެމްއެސްއެސް އޯޕަލް ނަމަކަށް ކިޔާ މި ބޯޓު މުދާ ހިފައިގެން ކުރާ ފުރަތަމަ ދަތުރުގައި އައްޑޫ ސަރަހައްދީ ބަނދަރަށް ވަނީ ބަނދަރުކޮށްފައެވެ.

އެމްއެސްއެސް އިން ގެނެސްފައި ވަނީ ކޮންޓެއިނަރުގައި މުދާ އުފުލޭ ބޯޓެކެވެ. އެ ބޯޓުގައި 15،000 މެޓްރިކް ޓަނުގެ މުދާ ނުވަތަ 105 ކޮންޓެއިނަރު އުފުލޭނެއެވެ. މި ބޯޓުގައި ކްރޭން ހަރުކުރެވިފައިވުމުން ހިތަދޫ ޕޯޓް ލިމިޓެޑުގެ ދަށުން ހިންގާ ސަރަހައްދީ ބަނދަރުގައި ކްރޭން ނެތުމުގެ ސަބަބުން މުދާ ބޭލުމުގައި ދިމާވާ ދަތިތަކަށް ވެސް ހައްލު ލިބިގެންދާނެއެވެ.

ބޯޓުގައި 20 ރީފަރ ކޮންޓެއިނަރ ހިމެނޭއިރު މި އޮޕަރޭޝަންގެ ސަބަބުން މުދާ އުފުލުމުގައި ހުރި ދަތިތައް ހައްލުވެ، ޤަވާއިދުން މުދާ އުފުލަދޭނެ އިތުބާރުކުރެވޭ ފަރާތެއް އުފެދި، ބާޒާރުގައި މި ޚިދުމަތުގެ އަގު ހިފެހެއްޓޭނެ ކަމަށް އެމްއެސްއެއިން ޤަބޫލު ކުރެއެވެ. މީގެ އިތުރުންވެސް މޫސުން ގޯސްވާ ދުވަސްވަރު އައްޑޫއަށް ކާޑުގެ ބާވައްތައް އުފުލުމުގައިވެސް މި ބޯޓު އެހީތެރިވެދޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެ ބޯޓު އައްޑޫގެ އިތުރުން ގއ. ކޫއްޑޫ އަށް ވެސް ދަތުރު ކުރުމަށް ހަމަޖެހިފައިވެއެވެ.

އެމްއެސްއެސް އިން މީގެކުރިން ވަނީ އިންޑިއާގެ ޓުޓިކޮރިން އާއި އައްޑޫ އާއި ދެމެދު ވެސް ކާގޯ ދަތުރުތައް ކޮށްފައެވެ. ނަމަވެސް ދިމާވި ޓެކްނިކަލް މައްސަލައަކާއި ހުރެ މިހާރު އެ ދަތުރުތައް ވަނީ ހުއްޓާލާފައެވެ.

ބޯޓުގެ ދަތުރުތައް ފެށިފައިވާއިރު، ދަތުރުތަކަށް ބުކް ކުރުމުގެ ފުރުސަތު މިހާރު އެކުންފުނިން ވަނީ ހުޅުވާލާފައެވެ. އަދި ކޮންމެ ދިހަ ދުވަހަކުން އައްޑޫ ސިޓީއަށް ދަތުރުކުރާ މި ބޯޓް ދަތުރުކުރާނީ މާލެ، ހިތަދޫ، ކޫއްޑޫ މާލެ ރޫޓުގައެވެ. ބޭނުމަކީ ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް އައްޑޫއަށް މުދާ ގެނެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އެގޮތުން އައްޑޫއަށް ގެންނަ މުދާ މާލޭ ބަނދަރުގައި ޓްރާންސިޓް ކުރުމަށް ފަހު އައްޑޫއަށް ގެނެވޭނެއެވެ. އަދި މާލެއިން ގަންނަ މުދާ ކޮންޓެނަރައިޒްޑް ކޮށްގެން އައްޑޫއަށް ގެނެވޭނެ ކަމަށް އެމްއެސްއެސްއިން ބުނެއެވެ.

މި ބޯޓު ގަތުމާއެކު އެމްއެސްއެސް ކުންފުނީގެ ފްލީޓުގައި 5 ބޯޓު އޮންނާނެއެވެ. އެކުންފުންޏަކީ ރާއްޖޭގެ ޝިޕިންގް އިންޑަސްޓްރީ ކުރިއަރުވައި ކުރިން ރާއްޖޭގައި އޮތް ބައިނަލްއަޤްވާމީ ފެންވަރުގެ ޝިޕިންގް އިންޑަސްޓްރީއެއް ޤައިމް ކުރުމެވެ. އެމްއެސްއެސް މި ބޭނުމުގައި އުފައްދާފައިވަނީ 2020 ވަނަ އަހަރުއެވެ.