މިހިނގާ ޑިސެންބަރު މަހުގެ ފަހު ހަފްތާތަކަކީ ސްކޫލް ބަންދާއި މީލާދީ އައު އަހަރާއި ގުޅިގެން ގިނަ ފަރާތްތަކުން ރަށުން ބޭރަށް ދަތުރުކުރާ ދުވަސްވަރަކަށް ވާތީ، މި މުއްދަތުގެ ތެރޭގައި އަންނަ ޓެކުހުގެ މުހިންމު ސުންގަޑިތަކަށް ސަމާލުވުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން އިލްތިމާސްކޮށްފިއެވެ.

މީރާއިން ބުނީ، މިމަހުގެ 28 ވަނަ ދުވަހަކީ މިއަހަރުގެ ނޮވެމްބަރު މަހުގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ފަހު ދުވަސް ކަމަށާއި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޖީ.އެސް.ޓީ ބަޔާން ހުށަހަޅާއިރު، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގައިފައިވާ އަދަދުތައް ޓެކްސް ބަޔާނުގައި ހިމަނައި، އެ ފައިސާ ވެސް މީރާއަށް ދައްކަންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، މިމަހުގެ 28 ވަނަ ދުވަހަކީ މިދިޔަ މަހުގެ ގްރީން ޓެކްސް ބަޔާން ހުށަހަޅައި ފައިސާދެއްކުމާއި އެމަހުގެ އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާން ހުށަހަޅައި ފައިސާދެއްކުމުގެ ސުންގަޑި ކަމަށާއި މިމަހުގެ 31 ވަނަ ދުވަހަކީ އަންނަ އަހަރުގެ ފުރަތަމަ ކުއަރޓަރުގެ ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި ކަމަށް މީރާއިން ވަނީ ބުނެފައެވެ.

މީރާގެ ޚިދުމަތްތަކަކީ ފަސޭހައިން އޮންލައިންކޮށް ލިބޭ ޚިދުމަތްތަކަކަށް ވެފައި، މި ހުރިހާ ޓެކުހެއްގެ ޓެކްސް ބަޔާން ވެސް މީރާގެ އޮންލައިން ޕޯޓަލް "މީރާކަނެކްޓް" މެދުވެރިކޮށް ހުށަހަޅައި ފައިސާ ދެއްކޭނެ ކަމަށް މީރާއިން މައުލޫމާތުދެއެވެ. އަދި، މި މުއްދަތުގެ ތެރޭގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ހިންގައިފައި ނުވާ ފަރާތްތަކުން "ވާރުޕޭ" މެދުވެރިކޮށް ޖީ.އެސް.ޓީ ސުން-ބަޔާން ހުށަހެޅޭނެ ކަމަށް މީރާއިން ފާހަގަކުރެއެވެ. އަދި، ޓެކްސް ބަޔާން ތައްޔާރުކުރުމަށް އަދި ހުށަހެޅުމަށް އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، ލަސް ނުކުރައްވާ މީރާއިން އެހީތެރިކަން ހޯއްދެވުމަށް މީރާއިން ވަނީ އެދިފައެވެ.