މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު ހ. ސަންލީޓް އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު، މަރާމާތުކޮށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ އިމާރާތް މާދަމާ ހުޅުވުމަށް ނިންމައިފިއެވެ.

އެސްބީއައި އިން ބުނީ، އެ ބޭންކުގެ އޮފީސް އަލުން ހުޅުވާއިރު، އަލަށް ޑިޒައިންކޮށް ކަސްޓަމަރުންގެ ބޭނުންތަކައް ފަސޭހަވާނެހެން ހިދުމަތްތަކަށް ބަދަލު ގެނެސްފައިވާނެ ކަމަށެވެ.

އެސްބީއައި އިން ބުނީ އެ އޮފީސް އަލުން ހުޅުވާއިރު، ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވުމާއި އާރްޓީޖީއެސް އަދި ކްލިއަރިންގެ ހިދުމަތް އެ އިމާރާތުގެ ދެވަނަ ފަންގިފިލާއިން ލިބޭނެ ކަމަށެވެ. ނަމަވެސް ލާރި ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނީ ވަގުތީގޮތުން މިހާރު ވެސް ލިބޭ ގޮތަށް ކަމަށެވެ.

ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުން، RTGS އަދި ކްލިއަރިންގެ ހިދުމަތް 2 ވަނަ ފަންގިފިލާއިން ލިބިވަޑައިގަންނަވާނެ ކަމަށާއި އެހެން ނަމަވެސް ލާރި ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބިވަޑައިގަންނަވާނީ ވަގުތީ ގޮތުން މިހާރު ވެސް ހަމަޖެހިފައިވާ ގޮތަށް (ހ.އަދަ ، މާލެ) އިން ކަމަށް އެސްބީއައި އިން ވަނީ ބުނެފައެވެ.

އެސްބީއައި އިން ބުނީ، މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ބޭންކްގެ ހުރިހާ ހިދުމަތެއް ވެސް އެ އިމާރާތުން ލިބޭނެ ކަމަށެވެ. ބޭންކް ހުޅުވާފައި ހުންނާނީ އެމްއެމްއޭގެ އެންގުމާއި އެއްގޮތަށް ހޯމަ އާއި އަންގާރަ އަދި ބުރާސްފަތި ދުވަހު ކަމަށް ވެސް އެސްބީއައި އިން ވަނީ ބުނެފައެވެ.

އަލިފާނުގެ ހާދިސާގައި އެންމެ ފުރަތަމަ ރޯވީ، އެސްބީއައި ހުންނަ އިމާރާތުގެ ޖެހިގެން ހުންނަ ޓިއޯލާ ރެސްޓޯރަންޓުގައެވެ. އޭގެ ފަހުން، ރެސްޓޯރަންޓާ ޖެހިގެން ހުންނަ ގަދަގޭ މުހައްމަދުފުޅު ބިލްޑިން އަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވެއެވެ.