ގައުމީ އެއާލައިން، މޯލްޑިވިއަންއިން ދަރަވަންދޫ އެއާޕޯޓަށް ދަތުރުތައް ހުއްޓާލައިފައި އޮތުމަށް ފަހު މިއަދު އަލުން ދަތުރުތައް ފަށައިފިއެވެ.

ދަރަވަންދޫ އެއާޕޯޓަށް މޯލްޑިވިއަންއިން ދަތުރުތައް އެންމެ ފަހުން ބޭއްވީ ކޮވިޑްގެ ކުރިން 2019 ވަނަ އަހަރުއެވެ.

ނަމަވެސް މިއަދު އަލުން ދަތުރުތައް ފަށައި ދެން ކޮންމެ ދުވަހަކު މޯލްޑިވިއަންގެ ފްލައިޓެއް ދަރަވަންދޫއަށް ބާއްވާނެ ކަމަށް އެ އެއާލައިން ބުނެއެވެ.

ދަރަވަންދޫއަށް މިއަދު ދަތުރުތައް ފެށީ އޭޓީއާރު-42 ގެ މަތިންދާބޯޓުގަ އެވެ. މިއީ 42 މީހުންގެ ޖާގައިގެ ބޯޓެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި މޯލްޑިވިއަންގެ ޗީފް އޮޕަރޭޓިން އޮފިސަރު އިބްރާހިމް އިޔާޒް ވިދާޅުވީ, އަލުން ދަރަވަންދޫއަށް ދަތުރުތައް ފެށީ ލިބުނު "ފީޑްބެކް"އަށް ބެލުމަށް ފަހު ކަމަށެވެ.

މޯލްޑިވިއަންއިން ދަރަވަންދޫއަށް ދަތުރުތައް އަލުން ފެށުން-- ފޮޓޯ: އަހުމަދު އަލީ

އޭނާ ވިދާޅުވީ، ދަތުރުތައް ފެށިއިރު އާ ހިދުމަތްތައް ތައާރަފްކޮށްފައިވާ ކަމަށާއި އަދި އިތުރު އާ ހިދުމަތްތައް ވެސް ތައާރަފް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ހަމަ އެހެންމެ ދަރަވަންދޫ އެއާޕޯޓްގެ ހިދުމަތްތައް ވެސް ރަނގަޅު ކުރުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމާޝިއަލް ޖެނެރަލް މެނޭޖަރު އިބްރާހިމް ހަމްދާން މުހައްމަދު ވިދާޅުވީ، މިހާރު ދަރަވަންދޫއަށް ބާއްވަނީ ކޮންމެ ދުވަހަކު ފްލައިޓެއް ނަމަވެސް މި އަހަރު ފަހުކޮޅު ހިސާބުގައި ކޮންމެ ދުވަހަކު ތިން ފްލައިޓް ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މޯލްޑިވިއަންގެ ކޮމާޝަލް ޖެނެރަލް އިބްރާހިމް ހަމްދާން މުހައްމަދު-- ފޮޓޯ: އަހުމަދު އަލީ/ ވަގުތު އިމޭޖާސް

މިއަދުގެ ރަސްމިއްޔާތުގައި ބ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އަފްރާހު ވިދާޅުވީ، ބ. އަތޮޅަކީ ގިނަ ރިސޯޓްތަކެއް ވެސް ހިމެނޭ އަތޮޅަކަށް ވުމާއެކު ފަތުރުވެރިންނާއި އަތޮޅުގެ ރައްޔިތުންނަށް ވެސް ވަރަށް މުހިންމު އެއާޕޯޓެއް ކަމަށެވެ.

އެހެންކަމުން އެއާޕޯޓް އިތުރަށް ތަރައްގީ ކުރަން ހާއްސަ އަހައްމިއްޔަތުކަމެއް ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ދަރަވަންދޫއަށް މޯލްޑިވިއަންއިން ދަތުރުތައް ފެށީ ފެއާއެއް ގައެވެ. އެއީ ކޮޅަކަށް 840 ރުފިޔާ އަށެވެ. މިއީ ދަރަވަންދޫއަށް ދަތުރުކުރާ އެހެން ދެ އެއާލައިންއަށް ވުރެ ވެސް އަގު ހެޔޮ ރޭޓެކެވެ.