ރަޝިއާ އާއި ޔޫކުރޭނާއި ދެމެދު ކުރެވެމުންދާ ވަރުގަދަ ހަނގުރާމައިގައި، ރަޝިއާގެ ހަތިޔާރުތަކުގެ މައްޗަށް ކުރި ހޯދިދާނެ ފަދަ އެމެރިކާގެ މޮޅު އަބްރަމްސް ޓޭންކް ތައް ޔޫކުރޭނުން ހަނގުރާމައިގެ މައިދާނުގައި ބޭނުން ކުރަން ފަށައިފިއެވެ.

ހަނގުރާމަ އެންމެ ވަރުގަދައަށް ހިނގަމުންދާ އަވަޑިވްކާ ސިޓީ ކައިރީގައި ޔޫކުރޭނުން ވަނީ އަބްރަމްސް ޓޭންކުތައް ހަނގުރާމައިގެ މައިދާނަށް ރަސްމީކޮށް ނެރެފައެވެ.

އެ ސިޓީ ހިފުމަށް ރަޝިއާގެ އަސްކަރިއްޔާ ދަނީ ކެނޑިނޭޅި ކޮންމެ ދުވަހަކު ހަމަލާތައް ދެމުންނެވެ. އެ ހަމަލާތައް ނާކާމިޔާބު ކޮށްލުމަށް އެންމެ އެކަށީގެންވާ ހަތިޔާރަކީ އެމެރިކާގެ މޮޅު އަބްރަމްސް ޓޭންކް ކަމަށް ޔޫކުރޭނުގެ އަސްކަރިއްޔާ އިން ގަބޫލުކުރެއެވެ.

އެމެރިކާ އިން އަބްރަމްސް ޓޭންކުތައް ފޯރުކޮށްދީފައިވާ ކަމަށް ޔޫކުރޭނުގެ ރައީސް ވޮލޮޑްމީރް ޒެލެންސްކީ ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އިއުލާން ކުރައްވާފައެވެ. އެގޮތުން އެމެރިކާ އިން ފޯރުކޮށްދިން ޓޭންކުތަކުގެ ފުރަތަމަ ބެޗް ގައި 31 އެބްރަމްސް ޓޭންކު ޔޫކުރޭނުގެ އަސްކަރިއްޔާ އަށް ފޯރުކޮށްދީފައިވާ ކަން ވެސް ޒެލެންސްކީ ވަނީ ހާމަކުރައްވާފައެވެ.

އެމެރިކާގެ އަބްރަމްސް ޓޭންކު ތަކަކީ އެމެރިކާގެ އަސްކަރިއްޔާ ގައި ވެސް ބޭނުން ކުރާ، ހަނގުރާމައިގެ މައިދާނަށް މޮޅު ޓޭންކު ތަކެކެވެ. އެ ޓޭންކުގައި އެމެރިކާގެ އަސްކަރިއްޔާގެ އެންމެ ޒަމާނީ ޓެކްނޮލޮޖީތައް ގާއިމުކޮށްފައި ހުރެއެވެ. އަދި އެއީ ދުވެލި ބާރު، އަދި އޭގައިވާ ރައްކާތެރިކަމުގެ އަންޑަނަ ވެސް އެހެން ޓޭންކު ތަކާއި އަޅާ ބަލާ އިރު އެތައް ގުނަ އެއް ވަރުގަދަ ޓޭންކެކެވެ.

އެ ޓޭންކަކީ ރަޝިއާގެ ހަނގުރާމަތީ ޓޭންކުތަކަށް، އެއްވަރުގެ ރައްދު ހަމަލާތަކެއް ދިނުމުގެ ގާބިލުކަން ލިބިފައިވާ ޓޭންކެއް ކަމަށް އަސްކަރީ ތަޖުރިބާ ކާރުން ވަނީ ބުނެފައެވެ. އަދި ޔޫކުރޭނުގެ އަސްކަރިއްޔާ އިން ރަނގަޅު ގޮތުގައި އެ ޓޭންކު ބޭނުން ކޮށްފި ނަމަ ރަޝިއާގެ ޓޭންކުތަކުގެ މައްޗަށް ކުރި ހޯދޭނެ ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ.