ދުނިޔޭގެ އެންމެ ދުވަސްވީ ބަދަލެއް ނާންނަ ބްރޭންޑުން 140 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ފުރަތަމަ ފަހަރަށް ލޯގޯ ބަދަލުކޮށްފިއެވެ.

"ލައިލްސް ގޯލްޑަން ސިރަޕް" އަކީ މީގެ 140 އަހަރު ކުރިން ފެށިގެން ދުނިޔޭގެ މަޝްހޫރު ބްރޭންޑެކެވެ. އަދި އިނގިރޭސިވިލާތުގެ ކޮންމެ ބޭކަރެއްގެ ޕެންޓްރީއެއްގައި ވެސް އާންމުކޮށް ބޭނުންކުރާ މާމުއީގެ ބާވަތެކެވެ.

މި ބްރޭންޑުގެ މާމުއި ފުޅީގައި ކުރިން އިންނަ ލޯގޯއިން ފެންނަ ގޮތުގައި މާމުއިތަކެއްގެ ތެރޭގައި ސިންގާއެއް އޮތީ މަރުވެފައެވެ.

1880 ގެ އަހަރުތަކަށް ފަހު ފުރަތަމަ ފަހަރަށް ދުނިޔޭގެ އެންމެ ދުވަސްވީ ބްރޭންޑިން އާއި ޕެކޭޖިން އެއް ލިބިފައިވާ ކަމަށް ގިނިސް ވޯލްޑް ރެކޯޑްސް އިން ގަބޫލުކުރާ މި އުފެއްދުމަށް ބޮޑު ރީޑިޒައިންއެއް ދަނީ ކުރަމުންނެވެ. އެ ކުންފުނިން ބުނީ އެ ކުންފުނީގެ އާ ވިޝުއަލް އައިޑެންޓިޓީ ފަރުމާކޮށްފައިވަނީ 21 ވަނަ ގަރުނުގެ ބެލުންތެރިންނަށް ކަމުދާ ގޮތަށް ބްރޭންޑްގެ ލެގަސީ ތާޒާ ކުރުމަށް ކަމަށެވެ.

ގޯލްޑަން ސިރަޕަކީ ލައިޓް ޓްރީކްލްގެ ނަމުން ވެސް ނަންދެވިފައިވާ ރިފައިންޑް ހަކުރު އިން ހަދާފައިވާ ފޮނި، އެމްބަރ ކުލައިގެ ޝިރަޕެކެވެ. އާ ލޯގޯގެ ސަބަބުން ޖަނަވާރަށް މާ އެބްސްޓްރެކްޓް އަދި ކޮންމެވެސް ވަރަކަށް އެނިމޭޓެޑް ސިފައެއް ލިބިގެންދެއެވެ. ސިންގާގެ ބޮލުގެ ތަންކޮޅެއް މަތީގައި އޮންނަނީ ހަމައެކަނި އެންމެ ކުނޅުދުރެކެވެ.

2006 ވަނަ އަހަރު މި އުފެއްދުމުގެ ބްރޭންޑިން އަށް ބަދަލެއް ނާންނަކަން ގަބޫލުކޮށް، ގިނިސް ވޯލްޑް ރެކޯޑްސް އިން ފާހަގަކުރި ގޮތުގައި 1885 ވަނަ އަހަރަށް ފަހު ގެނައި ހަމައެކަނި ބަދަލުތަކަކީ ހަނގުރާމައިގެ ދުވަސްވަރު ތަކެތީގެ ދަތިކަމުގެ ސަބަބުން ކުދިކުދި ފަންނީ ބަދަލުތަކެކެވެ. 2008 ވަނަ އަހަރު މި އުފެއްދުމަށް 125 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އޭރުގެ ވެރިޔާ ޓޭޓް އެންޑް ލައިލް އިން ވަނީ ލޯގޯއަށް ބަދަލެއް ނާންނަ ނަމަވެސް އެ ފުޅި ނުވަތަ ދަޅު ރަން ކުލައަކަށް ބަދަލުކުރާކަން އިއުލާންކޮށްފައެވެ.

މި މާމުއި އުފެދުނީ ލައިލްގެ ވާދަވެރި ހަކުރު ރިފައިނަރީ ހެންރީ ޓޭޓް އެންޑް ސަންސް އާއި ގުޅިގެންނެވެ. މިހާރު ދުނިޔޭގެ ބޮޑު ކާބޯތަކެއްޗާއި ބުއިން ސަޕްލައި ކުރާ ކުންފުނިން ވަނީ ހަކުރު ސާފުކުރުމުގެ ވިޔަފާރި (ލައިލްސް ގޯލްޑަން ސިރަޕް ހިމެނޭ ގޮތަށް) އެމެރިކާގެ ކުންފުންޏެއް ކަމަށްވާ އެމެރިކަން ޝުގާ ރިފައިނިން ނުވަތަ އޭއެސްއާރު ގްރޫޕަށް 2010 ވަނަ އަހަރު ވިއްކާލާފައެވެ.

މި ޕްރޮޑަކްޓްގެ ކުރީގެ ލޯގޯ ލައިލްގެ ކްލާސިކް ގޯލްޑަން ސިރަޕް ޓިންގައި ބޭނުން ކުރަމުން ގެންދާނެ ނަމަވެސް، އޭގެ ފުޅިތަކާއި ޑެސަރޓް ޓޮޕިންގްސް ވެސް މިހާރު އާ ބްރޭންޑިން ޖަހާނެއެވެ.