ރަޝިއާ އިން ޔޫކުރޭނަށް އަރައި ހަނގުރާމަ ފެށިފަހުން މިވީ ދެ އަހަރުގެ ތެރޭގައި ކޮންމެވެސް ހިސާބެއްގައި ޔޫކުރޭނުގެ 14 މިލިއަން މީހުންނަށް އެމީހުންގެ ގެދޮރުން ނުކުންނަށް މަޖުބޫރުވެފައިވާ ކަމަށް އދ އިން ބުނެފިއެވެ.

ރަޝިއާ އިން ޔޫކުރޭނުގައި ކުރަމުންދާ ހަނގުރާމައިގެ ތިން ވަނަ އަހަރު ފެށުމަށް ތައްޔާރު ވެފައިވާއިރު އދ ގެ އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޮ މައިގްރޭޝަން (އައިއޯއެމް) އިން ބުނެފައިވަނީ ގާތްގަނޑަކަށް 6.5 މިލިއަނެއްހާ ޔޫކުރޭނުގެ ރައްޔިތުން މިހާރު ގައުމުން ބޭރުގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުންދާ ކަމަށެވެ.

އަދި އޭގެ އިތުރުން 3.7 މިލިއަނެއްހާ މީހުން ޔޫކުރޭނުގެ އެތެރޭގައި ގެދޮރު ގެއްލިފައި އެބަ ތިބި ކަމަށްވެސް އެ ޖަމިއްޔާ އިން ވަނީ ބުނެފައެވެ.

“ސުންނާފަތިކަން ވަނީ ފެތުރިފައި، ފުރާނަތައް ގެއްލުމާއި ދަތި އުނދަގޫ ހާލަތު ދަނީ ކުރިއަށް.” ރަޝިއާއިން 2022 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު ޔޫކުރޭނުގައި ފެށި ހަނގުރާމައިގެ ނަމްބަރުތަކަށް އިޝާރާތް ކުރައްވަމުން އައިއޯއެމްގެ ޑިރެކްޓަރ ޖެނެރަލް އެމީ ޕޯޕް ވިދާޅުވެފައި ވެއެވެ.

ހަނގުރާމައިގެ ކޮންމެވެސް ހިސާބެއްގައި ޔޫކުރޭނުގެ އާބާދީގެ ތިންބައިކުޅަ އެއްބަޔާއި ގާތްކުރާ 14 މިލިއަނެއްހާ މީހުން ގެދޮރު ދޫކޮށްލާފައިވާ އިރު، ގައުމުން ބޭރުންނާއި އެތެރޭން މިހާތަނަށް 4.5 މިލިއަނަށް ވުރެ ގިނަ މީހުން އެނބުރި ގެދޮރަށް ގޮސްފައިވާ ކަމަށްވެސް އައިއޯއެމް އިން ވަނީ ބުނެފައެވެ.

”އެތައް މިލިއަން އާންމުންނަކަށް އެތައް ވޭނެއް ކުރިމަތި ކުރުވާފައިވާ” ހަނގުރާމަ ނިމުމުގެ ކޮޅުމަތި އަދިވެސް ނުފެންނަ ކަމަށް އިންސާނީ ހައްގުތަކާއި ބެހޭ އދ ގެ ހައި ކޮމިޝަނަރު ވޮލްކަރ ޓާކް ވަނީ ވިދާޅުވެފައެވެ.

ޔޫކުރޭނުގައި އދ ގެ އިންސާނީ ހައްގުތައް މޮނީޓަރ ކުރާ މިޝަންގެ އެންމެ ފަހުގެ ރިޕޯޓުގައި ބުނެފައިވަނީ ހަނގުރާމައާއި ގުޅިގެން 10،582 އާންމުން މަރުވެފައިވާ ކަމަށާއި، 19،875 އާންމުން ޒަހަމްވެފައިވާ ކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އަސްލު އަދަދުތައް އެއަށް ވުރެ އިތުރުވާނެ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.