22:58

ނިރުބަވެރި އިސްރާއީލުގެ ސިފައިން މީހަކު ފަލަސްތީނުގެ ޣައްޒާގެ ގެތައް އެންދުމަށްފަހު، އެއީ "ބާބެކިއު" އަކާއި އެއްގޮތްކޮށް ވާހަކަދައްކާ ވީޑިއޯއެއް އާއްމުކޮށްފި

22:02

ޣައްޒާ ސިޓީގެ އަވަށަށް އިސްރާއީލު ސިފައިން ހަމަލާދީފި

22:01

ލުބުނާނުގެ ދެކުނުގައި އޮންނަ އަލް ކުބްރާ ހިލްސް އަށް އިސްރާއީލް ސިފައިންނަށް ރޮކެޓް ހަމަލާތަކެއް ދީފައިވާ ކަމަށް ލުބުނާނުގެ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ހިޒްބުالله އިން ބުނެފި.

އެ ޖަމާއަތުން ބުނީ މިއީ އެ މީހުންގެ މިފަދަ ހަތަރު ވަނަ ހަމަލާ ކަމަށް.

21:58

ދެކުނު އެފްރިކާއިން ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ރަސްމީކޮށް އިއުލާނެއް ފޮނުވައި، އެ ކޯޓުން އަޅާފައިވާ ވަގުތީ ފިޔަވަޅުތަކާ އެއްގޮތަށް އަމަލު ކުރަމުންދާ ގޮތުގެ ތަފްސީލު ދޭން ނިންމާފައިވާ ކަމަށް ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓްކޮށްފި.

21:56

ޣައްޒާގެ ދެކުނުގެ ރަފަހް ކައިރީގައި އޮންނަ އައްސޭރިފަށުގައި ހުރި ފަލަސްތީނުގެ މަސްވެރިންނަށް އިސްރާއީލުގެ ސިފައިން ބަޑީގެ ބޯޓުތަކުން ހަމަލާދީ ބޯޓަކަށް ގެއްލުންދީ އިންޒާރު ދީފައިވާ ކަމަށް އަނަޑޯލޫ ނިއުސް އެޖެންސީން ބުނެފި .

އިސްރާއީލުގެ ލޮކްޑައުންގެ ދަށުން ޣައްޒާގެ މަސްވެރިންނަށް ގޮނޑުދޮށުން 15 ނޯޓިކަލް މޭލު (28.8 ކިލޯމީޓަރު) އާ ހަމައަށް މަސްވެރިކަން ކުރެވޭ އިރު، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ހަމަލާތައް ދޭން ފެށި ފަހުން މަސްވެރިކަން ނުކުރެވޭ.

21:48

އިސްރާއީލުން ރަފަހްގެ ގެތަކަށް ބޮން އަޅާފައި - ފޮޓޯ: ރޮއިޓާސް
އިސްރާއީލުން ރަފަހްގެ ގެތަކަށް ބޮން އަޅާފައި - ފޮޓޯ: ރޮއިޓާސް
އިސްރާއީލުން ރަފަހްގެ ގެތަކަށް ބޮން އަޅާފައި - ފޮޓޯ: ރޮއިޓާސް

 

20:39

20:01

ޣައްޒާގެ މެދުތެރޭގެ ދީރް އަލް ބަލާހް ސަރަހައްދުގައި ގެދޮރު ގެއްލުނު މީހުން ހިޔާވަހިކަން ހޯދަމުން ދިޔަ ގެއަކަށް އިސްރާއީލުން ދިން ހަމަލާގައި ޝަހީދުވި އެތައް ބަޔަކު ކައިރީގައި ހުރި އަލްއަޤްޞާ ހޮސްޕިޓަލަށް ބަދަލުކުރަން ފަށައިފި.

ޚަލީލް އަލް ޑެގްރާން ވިދާޅުވީ މެޑިކަލް ފެސިލިޓީގައި "އެތައް ބަޔަކު ޝަހީދުވެ، ޒަހަމްވެފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން" ކަމަށް.

19:01

އދ. އާއި ހުޅަނގުގެ ގައުމުތަކުން ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އިންސާނީ ޖަރީމާތައް އެކަނި ބަލަމުންދާކަމަށާއި އެކަން ހުއްްޓުވުމަށް މަސައްކަތް ނުކުރާ ބުނެ ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ.

ތުރުކީގެ ހުޅަނގު އުތުރު ޕްރޮވިންސް ކަމަށްވާ ސަކަރްޔާގައި ބޭއްވި ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް (އޭކޭ) ޕާޓީގެ ބައްދަލުވުމެއްގައި އުރުދުޣާން ވިދާޅުވީ އިސްރާއީލުގެ ހަމަނުޖެހުންތައް ހުއްޓުވުމަށް ހުޅަނގުގެ ބާރުތަކުން ވެސް އަދި އދގެ ސަލާމަތީ މަޖިލީހުން ވެސް ބޭނުންތެރި މަސައްކަތެއް ކޮށްފައި ނުވާ ކަމަށް.

18:56

މުސްލިމުންގެ ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް އަލްއަޤްޞާ މިސްކިތަށް ވަނުން މަނާކުރަން އުޅޭތީ ހަމާސް އިން އިސްރާއީލަށް އިންޒާރު ދީފި.

18:15

ރަފަހްގައި ދިން ހަމަލާގައި ހަތް މީހުން ޝަހީދުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނޭ.

18:14

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އިސްރާއީލުގެ މަތިންދާ ބޯޓުތަކުން ހަމަލާދިނީ ދެކުނު ރަފަހްގައި އޮންނަ އަލް-ޖެނެއިނާ އަވަށުގެ އަލްދާކިލިއްޔާ މަގު ކައިރީގައި ހުރި ގެއަކަށް.

އަލްޖަޒީރާއިން ބުނާގޮތުގައި އަދިވެސް ޝަހީދުވި މީހުންގެ އަދަދެއް ނޭނގެ.

18:12

ފާއިތުވި 30 މިނެޓުގެ ތެރޭގައި އިސްރާއީލުން ރަފަހްއަށް ވައިގެ ހަމަލާއެއް ދީ ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގެ ރިޕޯޓްތައް ދަނީ ލިބެމުން.

އްލްޖަޒީރާގެ ނޫސްވެރިން ވަނީ މި ހަމަލާހައި އެތައް ބަޔަކު ޝަހީދުވި ކަމުގެ ރިޕޯޓް ކުރަމުން.

16:39

މުދާ އުފުލާ އުޅަނދަކަށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ދިން ހަމަލާއެއްގެ ސަބަބުން ރަތް ކަނޑުގައި ތެޔޮ ސްލިކެއް އުފެދުމާ ގުޅިގެން އެމެރިކާގެ އަސްކަރިއްޔާއިން ތިމާވެށީގެ ކާރިސާއެއް ހިނގައިދާނެ ކަމުގެ އިންޒާރު ދީފި.

އީރާނާ ގުޅިފައިވާ އެ ޖަމާއަތުން މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ވަނީ އިނގިރޭސިވިލާތުގެ ބެލީޒްގެ ދިދަ ޖަހާފައިވާ ބަލްކް ކެރިއަރު ރޫބީމާރަށް ގިނަ މިސައިލްތަކެއް ފޮނުވާލާއި.

ބޮޑެތި ގެއްލުންތަކެއް ލިބުމާ އެކު ފަޅުވެރިން ވަނީ ބޯޓު ދޫކޮށްލާފައި.

އަސްކަރިއްޔާއިން ބުނީ ހަމަލާ ދިން އިރު އެ އުޅަނދަކީ 41،000 ޓަނަށް ވުރެ ގިނަ ފާޓިލައިޒަރު އުފުލަމުން ދިޔަ ބޯޓެއް ކަމަށާއި އޭގެން ތެޔޮ ރަތް ކަނޑުގެ ތެރެއަށް ވެއްޓި، ތިމާވެށީގެ ކާރިސާ އިތުރަށް ގޯސްވެދާނެ ކަމެއް ކަމަށް.

16:31

އީރާނުގެ އެންމެ މަތީ ލީޑަރު އަލީ ހުސެއިނީ ޚާމަނާއީ ވަނީ ޣައްޒާއަށް ބޮން އެޅުން ހުއްޓާލުމަށް އދއިން ފާސްކުރި ގަރާރު ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ވީޓޯކޮށްފައިވާކަމަށް ބުނެ އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި.

16:13

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ 22 މީހަކު ރޭގަނޑު ހައްޔަރުކޮށްފައިވާ އިރު އޭގެ ތެރޭގައި ނޫސްވެރިއެއްގެ އިތުރުން ދެ ކުޑަކުދިން ވެސް ހިމެނޭ ކަމަށް ފަލަސްތީނުގެ ޕްރިޒަނަރސް ސޮސައިޓީން ބުނެފި.

މި މީހުން ހައްޔަރުކުރުމުގެ ސަބަބުން އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހިފާފައިވާ ސަރަހައްދުން ހައްޔަރުކުރި ފަލަސްތީނުގެ މީހުންގެ އަދަދު ވަނީ 7210 އަށް އިތުރުވެފައި.

އިސްރާއީލު ސިފައިން ރޭގެ ވަގުތެއްގައި ހެބްރޮން، ތުލްކަރެމް، ބެއިޓް ފުރިކް އަވަށުގެ އިތުރުން ޖެނިންގެ އިރު އުތުރުގެ ބައެއް އަވަށްތައް ބަލައި ފާސްކޮށް މީހުން ހައްޔަރުކޮށްފައިވޭ.

16:10

ދީރް އަލް ބާލާގެ ހޮސްޕިޓަލުގައި ޝަހީދުވި އާއިލާ މީހުންގެ ހިތާމައިގައި ފަލަސްތީނު މީހުން ހިތާމަކުރަނީ - ފޮޓޯ: ރޮއިޓާސް
ދީރް އަލް ބާލާގެ ހޮސްޕިޓަލުގައި ޝަހީދުވި އާއިލާ މީހުންގެ ހިތާމައިގައި ފަލަސްތީނު މީހުން ހިތާމަކުރަނީ - ފޮޓޯ: ރޮއިޓާސް
ދީރް އަލް ބާލާގެ ހޮސްޕިޓަލުގައި ޝަހީދުވި އާއިލާ މީހުންގެ ހިތާމައިގައި ފަލަސްތީނު މީހުން ހިތާމަކުރަނީ - ފޮޓޯ: ރޮއިޓާސް

16:06

ހުޅަނގު އައްސޭރީގައި ހިފާފައިވާ މާލޭ އަދުމިމްގެ އާބާދީ ކައިރީގައި ދިން ނުރައްކާތެރި ބަޑީގެ ހަމަލާގައި ޒިންމާވާ ފަލަސްތީނަށް ނިސްބަތްވާ ބެތުލެހެމްގެ އިރުމަތީގައި އޮންނަ ޒަތާރާގެ ދެ ގެއެއް މެޕްކޮށްފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

އިސްރާއީލުން އާންމުކޮށް ހަމަލާދޭ ކަމަށް ތުހުމަތު ކުރެވޭ ފަލަސްތީނުގެ ގެތައް ހަލާކުކޮށްލާ.

ގުދުސްއާ ދިމާލަށް ދަތުރުކުރަމުން ދިޔަ ރޫޓް 1 ހައިވޭގައި އިސްރާއީލު މީހުންނަށް ހަމަލާދީ އެކަކު މަރުވެ، 11 މީހުން ޒަހަމްކޮށްލި ކަމުގެ ތުހުމަތު ކޮށްފައިވަނީ އުމުރުން 31 އަހަރުގެ އަހުމަދު އަލް ވަހްޝް އާއި ދެ ބެއިން ކަމަށްވާ މުހައްމަދު ޒަވަހްރާ، 26، އާއި ކަތެމް ޒަވަހްރާ، 31، ގެ މައްޗަށް.

16:02

މިސައިލުން އިސްރެއިލީ ސިފައިންނަށް ހަމަލާދީފައިވާ ކަމަށް ލުބްނާންގެ ހިޒްބުﷲ ޖަމާއަތުން ބުނެފި.

އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލު ސިފައިންގެ ބަޔަކަށް އަމާޒުކޮށް އަލް ކުބްރާ ފަރުބަދަތަކަށް ރޮކެޓް ހަމަލާއެއް ދީފައިވާ ކަމަށް

އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ލުބުނާނުގެ ދެކުނުގައި ވާ ހިޒްބުﷲގެ ބައެއް ތަންތަނަށް ހަމަލާ ދީފައިވާ ކަމަށާއި އޭގެ ތެރޭގައި އައިތާ އޭޝް ޝަބްގެ އިތުރުން ހަނީން އާއި މަރްވާހީންގެ ކައިރީގައި ދިން ހަމަލާތައް ހިމެނޭ ކަމަށް ބުނެފައި.

ޓައިމްސް އޮފް އިސްރާއީލުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަދު ހެނދުނު ލުބުނާނުން ވަނީ އަދަމިތު ސަރަހައްދަށް ދެ ރޮކެޓް ފޮނުވާލާފައި. އެ ދެ ރޮކެޓް ވެސް ވެއްޓިފައި ވަނީ ހުޅުވިފައިވާ ސަރަހައްދުތަކަށް ކަމަށާއި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ބުނެފައިވޭ.

15:13

އިސްރާއީލް-ހަމާސް ހަނގުރާމައިގެ ފަހުގެ އަޕްޑޭޓްތައް:

ޣައްޒާ:

29،606 މީހުން ޝަހީދުކޮށްލި
69،737 މީހުން ޒަހަމްކޮށްލި

ހުޅަނގު އައްސޭރި

406 މީހުން ޝަހީދުކޮށްލި
4،600 މީހުން ޒަހަމްކޮށްލި

އިސްރާއީލް

އޮކްޓޯބަރު 7 ގައި 1،139 މީހުން މަރާލި
2،962 މީހުން ޒަހަމްކޮށްލި
ޣައްޒާ އަށް ވަދެގަތް 237 ސިފައިން މަރާލި.

15:09

އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް އައިއިރު، 29،606 މީހުން ޝަހީދުކޮށްލައި، 69،737 މީހުން ވަނީ ޒަހަމްކޮށްލާފައި. ޝަހީދުވި މީހުންގެ ތެރޭގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޝަހީދުކޮށްލި 92 މީހުން ހިމެނޭ.

12:20

ފަލަސްތީނުގެ ޣައްޒާގައި ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމާ ގުޅޭ މަޝްވަރާތަކެއް ފްރާންސްގެ ޕެރިސްގައި ކުރިއަށްދާ ކަމަށް ރިޕޯޓުތައް ބުނެފި.

11:24

އަސީރުންގެ ގޮތުގައި ޣައްޒާ އަށް ގެންދިޔަ މީހުން މިނިވަންކޮށް ދިނުމަށް މަސައްކަތް ކުރުމަށް ގޮވާލައި އިސްރާއީލްގެ ވެރިރަށް ތެލް އަވީވްގެ ހައިވޭގެ ދަތުރުފަތުރަށް ހުރަސް އަޅައިގެން ބަޔަކު މުޒާހަރާ ކުރަނީ.

11:22

އެމެރިކާގެ އަސްކަރިއްޔާ އިން ބުނީ ޔަމަންގެ ހޫތީ މުޖާހިދުން ރަތް ކަނޑުގައި ދޭން އުޅުނު ހަތް ހަމަލާއެއް ހުއްޓުވާފައިވާ ކަމަށް. ހޫތީ ހަނގުރާމަވެރިން މަސައްކަތް ކުރީ އެންޓި ޝިޕް ކްރޫޒް މިސައިލްތަކުން ހަމަލާ ދިނުމަށް ކަމަށް ވެސް އަސްކަރިއްޔާ އިން ބުނެފައިވޭ.

 

11:11

ޣައްޒާގެ ރަފަހްގައި ދިރިއުޅޭ ރައްޔިތުންތަކެއް ހުކުރު ދުވަހު ނަމާދު ކުރަނީ. އެމީހުން ނަމާދު ކުރީ ސުންނާފަތިވެފައިވާ މިސްކިތެއްގެ ތެރޭގައި.

11:09

ހަނގުރާމަ ހުއްޓާލުމާ ގުޅޭ މަޝްވަރާތައް ފްރާންސްގެ ޕެރިސްގައި ކުރިއަށް އެބަދޭ. މިއީ ވަރަށް ސީރިއަސް މަޝްވަރާތަކެއް ކަމަށް ބުނޭ.

10:36

ހަނގުރާމައަށް ފަހު ފަލަސްތީނުގެ ޣައްޒާ އާ މެދު ކަންތައް ކުރާނެ ގޮތުގެ ޕްލޭނެއް ރަސްމީކޮށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އޭނާގެ ސަލާމަތީ ކެބިނެޓަށް ހުށައަޅައިފި.

09:52

ޣައްޒާގައި ޒަހަމްވަމުންދާ ކުޑަކުދިން ސިފަކުރުމަށް ޣައްޒާގައި ހަރަކާތްތެރިވަމުންދާ މެޑިކަލް ޓީމުތަކުން އާ ބަހެއް ކަމަށްވާ "ޒަހަމްވެފައިވާ ކުއްޖެއް، ދިރިހުރި އާއިލާއެއް ނެތް،" ބޭނުން ކުރަން ފަށާފައިވާ ކަމަށް ޑޮކްޓާސް ވިތްއައުތް ބޯޑާސް (އެމްއެސްއެފް) ގެ ވެރިޔާ ބުނެފި.

08:40

މެލޭޝިއާގެ ގާނޫނު ހަދާ މަޖިލިހުގެ މެމްބަރުންތަކެއް މިސްރުގެ ހޮސްޕިޓަލަކަށް ޒިޔާރަތްކޮށްފި. އެމީހުން ޒިޔާރަތް ކުރީ ޣައްޒާ އިން ޒަހަމްވި މީހުންނާ ބައްދަލު ކުރުމަށް.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކަށް ފަސް މަސް ވާން ދާއިރުގައި މިހާރުގެ ހާލަތު ވަރަށް ނާޒުކެވެ. ކޮންމެ ދުވަހަކުހެން ފަލަސްތީނުގެ ޣައްޒާ އިން 100 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލަފައެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ރިޕޯޓުކޮށްފައިވާ ގޮތުގައި އިއްޔެއަކީ ވެސް އިސްރާއީލްގެ އަނިޔާވެރިކަން ފެނުނު ދުވަހެކެވެ. އެގޮތުން 104 މީހުން ޝަހީދުކޮށްލައި، 160 މީހުންނަށް އެކި ވަރުގެ އަނިޔާތައް ދީފައި ވަނީ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހުގެ މެންދުރު ފަހާ ދޭތެރޭގައެވެ.

މިކަމުގެ ޝިކާރައަކަށް ވެފައި ވަނީ މުޅިން ވެސް އާންމުންނެވެ. އެގޮތުން ކުޑަކުދިންނާއި އަންހެނުންނަށް އަމާޒުކޮށް ވައިގެ ހަމަލާތައް ދީފައި ވަނީ އެއްވެސް އިންޒާރެއް ދިނުމެއް ނެތިއެވެ. އިސްރާއީލުން ހަމަލާތައް ދިން ސަރަހައްދުތަކުގެ ތެރޭގައި ރަފަހާއި ޑެއިރް-އެލް ބަލަހް ސަރަހައްދު ހިމެނެއެވެ.

މި ލައިވް ބްލޮގްގައި ގެނެސްދޭނީ އިސްރާއީލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކާއި އެކަމުގެ ވަށައިގެންވާ ފަހުގެ މައުލޫމާތުތަކެވެ.