ޒަމްބިއާގައި ކޮލެރާ ބަލި ފެތުރެމުން އަންނާތީ އިންޑިއާ އިން އެ ގައުމަށް އިންސާނީ އެހީ ފޯރުކޮށްދީފިއެވެ.

ކޮލެރާއަކީ ޖަރާސީމަކުން ޖެހޭ ގައިން ގަޔަށް އަރާ ބައްޔެކެވެ. މިއީ ބޭރަށް ހިންގުމުގެ ވައްތަރެކެވެ. ކޮލެރާގެ ނުރައްކާތެރިކަމަކީ ބަލި ޖެހޭތާ އެންމެ ދެތިން ގަޑިއިރުގެ ތެރޭގައި ވެސް ބޭރަށް ހިނގައި ހަށިގަނޑުން ފެން ހުސްވެ، ފުރާނައަށް ގެއްލުންވާ ހިސާބަށް މީހާގެ ހާލަތު ދިއުމުގެ ފުރުސަތު އޮތީމައެވެ. މިއީ ކޮންމެ މީހަކަށް ވެސް ޖެހިދާނެ ބައްޔެކެވެ. ބަލި ޖެހި ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑީ އުމުރުން ދުވަސްވީ މީހުންނަށާއި ކުޑަކުދިންނަށެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވިދާޅުވީ އިންޑިއާ އިން ޒަމްބިއާ އަށް ފޯރުކޮށްދިން އެހީތަކުގެ ތެރޭގައި 3.5 ޓަނުގެ ސާމާނު ހިމެނޭ ކަމަށެވެ. އެގޮތުން ފެން ތަޣައްޔަރުވިޔަ ނުދިނުމަށް ޕުރިފިކޭޝަން ސަޕްލައިތަކާއި ކްލޮރިން ޓެބްލެޓާއި އެހެން ސާމާނު ހިމެނެއެވެ.

މި ސާމާނު ޒަމްބިއާ އަށް ފޯރުކޮށްދީފައި ވަނީ އިންޑިއާ އިން އެ ގައުމަށް ފޮނުވި ހާއްސަ މަތިންދާ ބޯޓެއްގައެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފައި ވަނީ ޒަމްބިއާ އަށް ކުރިމަތިވެފައިވާ ކޮލެރާ ބަލިމަޑުކަމާ ގުޅިގެން އެއް މިލިއަން ޔޫރޯ އެ ގައުމަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ބަލީގެ ސަބަބުން ޒަމްބިއާގެ 3.5 މިލިއަން މީހުން ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ ކަމަށްވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޒަމްބިއާގައި ކޮލެރާ ޖެހިގެން މިދިޔަ ޖެނުއަރީ 31 ގެ ނިޔަލަށް 613 މީހުން މަރުވެފައިވެއެވެ. އަދި މި ބަލި ޖެހުނު މީހުންގެ އަދަދު ވެސް 16،526 އަށް އަރައެވެ. ޒަމްބިއާ އަށް މި ދުވަސްވަރަކީ މޫސުން ވެސް އެހާ ރަނގަޅު ދުވަސްވަރެއް ނޫނެވެ. އަންނަ މެއި މަހުގެ ނިޔަލަށް ޒަމްބިއާ އަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ އިރު، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެން ބޮޑުވެ، ކޮލެރާ ވޭދަނަތައް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.