ޣައްޒާގައި ޒަހަމްވަމުންދާ ކުޑަކުދިން ސިފަކުރުމަށް ޣައްޒާގައި ހަރަކާތްތެރިވަމުންދާ މެޑިކަލް ޓީމުތަކުން އާ ބަހެއް ކަމަށްވާ "ޒަހަމްވެފައިވާ ކުއްޖެއް، ދިރިހުރި އާއިލާއެއް ނެތް،" ބޭނުން ކުރަން ފަށާފައިވާ ކަމަށް ޑޮކްޓާސް ވިތްއައުތް ބޯޑާސް (އެމްއެސްއެފް) ގެ ވެރިޔާ ބުނެފިއެވެ.

"މި ހަނގުރާމައިގައި ފުރާނަ ސަލާމަތްވާ ކުދިން ހަމައެކަނި ތަހައްމަލު ކުރާނީ ބޭރަށް ފެންނަން ހުންނަ ވޭނީ ޒަހަމްތަކެއް ނޫން، ނުފެންނަ ޒަހަމްތައްވެސް ތަހައްމަލު ކުރާނެ." އދ ގެ ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަމުން އެމްއެސްއެފް ގެ އިންޓަނޭޝަނަލް ސެކިއުރިޓީ ޖެނެރަލް ކްރިސްޓޮފަރ ލޮކްއިޔަރ ބުނެފައި ވެއެވެ.

"ތަކުރާރު ކޮށް ގެދޮރު ގެއްލި އެއްތަނުން އަނެއް ތަނަށް ދާންޖެހޭ، އަދި އަބަދު ތިބެން ޖެހެނީ ބިރުވެރިކަމެއްގައި، އަދި އެދަނީ އާއިލާގެ މެމްބަރުންގެ ހަށިތައް ބައިބަޔަށް ކުދިކުދިވާ މަންޒަރު ލޯ ކުރިމަތީ ފެންނަމުން. މި ނަފްސާނީ ޒަހަމްތަކުގެ ސަބަބުން ފަސް އަހަރުގެ ކުޑަކުދިން، އެކުދިން ބޭނުންވަނީ މަރުވާން ކަމުގައި އަހަރެމެން ކައިރީ އެބަ ބުނޭ." އޭނާ ބުނެފައި ވެއެވެ.

ޣައްޒާގެ ހަނގުރާމަ ހުއްޓާލަން ގޮވާލި ގަރާރު މިދިޔަ ހަފްތާ އެމެރިކާއިން ވީޓޯ ކުރުމުން ލޮކްއިޔަރ ވަނީ އެކަމާއިވެސް ނުރުހުން ފާޅު ކޮށްފައެވެ. އަދި ހަނގުރާމަ ހުއްޓާލަން ގޮވާލާ ގަރާރުތައް އެމެރިކާ އިން ތަކުރާރު ކޮށް ވީޓޯ ކުރަމުންދާތީ އެކަމާއި ހައިރާންވާ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

"ޣައްޒާގެ ރައްޔިތުން ބޭނުންވަނީ ހަނގުރާމަ ހުއްޓާލަން، އެކަން ވީ އިރަކުން ނޫން، މިހާރު. އެމީހުންނަށް ބޭނުން ޖެހިފައިވަނީ ދާއިމީ ކޮށް ހަނގުރާމަ ހުއްޓާލަން، ވަގުތީ އަމާންކަމުގެ ކުޑަ ވަގުތުކޮޅެއް ނޫން." ލޮކްއިޔަރ ބުނެފައި ވެއެވެ.

ލޮކްއިޔަރ ސިފަކޮށްދިން މަންޒަރަކީ ހިތްދަތި މަންޒަރެއް ކަމަށް ޗައިނާ އިން އދ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ޒަންގް ޖުން ވަނީ ވިދާޅުވެފައެވެ.

"އޭނާ އަހަރެމެންނަށް އެ ކުރަހައިދިން ޣައްޒާގެ ހިތްދަތި މަންޒަރުން މި ކައުންސިލްގެ ވަކި މެމްބަރެއްގެ ހިތަށް އަސަރު ކުރާނެ ކަމަށް އަހަރެމެން އުންމީދުކުރަން" ޒަންގް ވިދާޅުވެފައި ވެއެވެ.

"އެމެއެސްއެފްގެ ސެކެޓްރީ ޖެނެރަލް ގެ ފަރާތުން އަޑު އެ އިވުނު ހިތްދަތި ވާހަކަތަކުން އަހަރެމެންނަށް އަސަރެއް ނުކޮށްފިނަމަ އަހަރެމެން މިއީ ކޮން ކަހަލަ ކައުންސިލެއް." ސްލޮވީނިއާ ގެ ސަފީރު ސެމުއެލް ބޯގަރ ވިދާޅުވެފައި ވެއެވެ.

ޣައްޒާގެ ހަނގުރާމަ ހުއްޓާލަން ގޮވާލާ ހުށައެޅި ތިން ގަރާރު އެމެރިކާ އިން ވަނީ ވީޓޯ ކޮށްފައެވެ.