ފަލަސްތީނުގެ ޣައްޒާގައި ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމާ ގުޅޭ މަޝްވަރާތަކެއް ފްރާންސްގެ ޕެރިސްގައި ކުރިއަށްދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރޮއެޓާސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއީ ޣައްޒާގައި ހަނގުރާމަ ކުރިއަށްދާން ފެށި ފަހުން، އެ ހަނގުރާމަ ހުއްޓާލުމާ ގުޅޭ ގޮތުން އެންމެ ސީރިއަސްކޮށް މަޝްވަރާތަކެއް ކުރިއަށްދާ ފަހަރެވެ. މި މަޝްވަރާތައް ކުރިއަށް ދަނީ އިސްރާއީލާއި ގަތަރާއި މިސްރާއި އެމެރިކާއާ ދެމެދުގައި ކަމަށްވެއެވެ.

މިސްރުގެ މަސްދަރުތަކުން ބުނާ ގޮތުގައި މިސްރުގެ އިންޓަލިޖެންސް ޗީފް އައްބާސް ކަމެލް ހުކުރު ދުވަހު ޕެރިސް އަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. މިސްރުގެ އިންޓަލިޖެންސް ޗީފް ޕެރިސް އަށް މި ވަޑައިގަންނަވަނީ މިސްރުގެ ކައިރޯގައި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އާ ބައްދަލު ކުރެއްވުމަށް ފަހުގައި ކަމަށްވެއެވެ.

މި މަޝްވަރާތަކާ ގުޅޭ ގޮތުން އިސްރާއީލުން ވަކި އެއްޗެއް އަދި ނުބުނެއެވެ. އެކަމަކު، ހަމާސް އިން ބުނެފައި ވަނީ ޕެރިސްގައި ހިނގަމުންދާ މަޝްވަރާތަކުން ނިންމޭނެ ކަމެއްގެ އިންތިޒާރުގައި ތިބި ކަމަށެވެ.

މިދިޔަ ނޮވެމްބަރު މަހު ގަތަރާއި މިސްރު އިސްވެ އޮވެ، އެމެރިކާއާ މަޝްވަރާކޮށްގެން އިސްރާއީލާއި ހަމާސްއާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހަފްތާއަކަށް މެދުކަނޑާލައި އަސީރުން ބަދަލުކޮށްފައިވެއެވެ. އެގޮތުން ފަލަސްތީނުގެ 240 އަސީރުން އަދި އިސްރާއީލްގެ 80 އަސީރުން ވަނީ މިނިވަންކޮށްފައެވެ. އޭގެ ފަހުން ވެސް ހަނގުރާމަ ހުއްޓާލުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ދިޔަ ނަމަވެސް އެއްވެސް ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ.

މި މަޝްވަރާތައް ބިނާވެފައި ވަނީ ހަމައެކަނި ހަނގުރާމަ މެދުކަނޑާލުމާއި އަސީރުން މިނިވަން ކުރުން އެކަންޏެއް ނޫނެވެ. ފަލަސްތީނުގެ ޣައްޒާ އަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި އިސްރާއީލްގެ ސިފައިން ޣައްޒާ އިން ފޭބުމަށް ޑިމާންޑް ކުރުމަކީ ވެސް މަޝްވަރާތަކުގެ ތެރޭގައި ހިނގާ ކަންކަމެވެ.

މިދިޔަ އޮކްޓޯބަރު 7 ގައި ހަމާސް އިން އެ ދުވަހު ދިން ކުއްލި ހަމަލާތަކުގައި 1،200 އަށް ވުރެ ގިނަ މީހުން މަރާލާފައިވެއެވެ. އޭގެ ތެރޭގައި 300 އަށް ވުރެ ގިނަ އިސްރާއީލް ސިފައިން ހިމެނޭ އިރު، ހަމާސް އިން ވަނީ ގާތްގަނޑަކަށް 250 މީހުން އަސީރުންގެ ގޮތުގައި ޣައްޒާއަށް ގެންދިޔައެވެ.

ހަމާސް އިން ދިން ހަމަލާގެ ބަދަލު ހިފަން އިސްރާއީލުން ޣައްޒާ އަށް ބޮން އެޅުމުގެ ސަބަބުން މިހާތަނަށް އައިއިރު، ގާތްގަނޑަކަށް 30،000 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.