އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި އެއް ދުވަހެއްގެ ތެރޭގައި ފަސް އަންހެނަކު މަރާލި މައްސަލަ އޮސްޓްރިއާގެ ކަމާބެހޭ ފަރާތްތަކުން ބަލަން ފަށައިފިއެވެ.

ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި އަނިޔާވެރި ގޮތަކަށް ވަޅިހަރައި މަރާލާފައި އޮއްވާ ފެނުނު ތިން އަންހެނުންނާއި ގުޅޭ މައްސަލައެއްވެސް ހިމެނެއެވެ.

ވިއެނާގެ ބްރިގިއްޓެނާއު ޑިސްޓްރިކްޓްގައި ހުކުރު ދުވަހުގެ ރޭ ތޫނު އެއްޗަކުން ދީފައިވާ ޒަހަމްތަކަކާއެކު ތިން ޒުވާން އަންހެނެއްގެ ހަށިގަނޑު ފުލުހުންނަށް ފެނިފައި ވަނީ އެ މަންޒަރު ދުށް މީހަކު ފުލުހުންނަށް އެންގުމުންނެވެ.

ފުލުހުން ބުނާގޮތުގައި އެ ސަރަހައްދުން ވަޅިއެއް ހިފައިގެން ހުރި އުމުރުން 27 އަހަރުގެ ފިރިހެނަކު ވަނީ އެ މީހުން މަރާލި ކަމުގެ ތުހުމަތުގައެވެ.

އޮސްޓްރިއާގެ ޕްރެސް އެޖެންސީ އޭޕީއޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ މީހުން މަރާލުމުގެ އެއްވެސް މަގްސަދެއް އަދި ހާމަކޮށްފައި ނުވާއިރު، އެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހާއާ އަދިވެސް ދަނީ ސުވާލު ކުރަމުންނެވެ.

އޭގެ ކުރިން ވިއެނާގެ އެޕާޓްމެންޓެއްގެ ތެރޭގައި މަންމައަކާއި އޭނާގެ 13 އަހަރުގެ އަންހެން ދަރިފުޅު މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ.

އޭޕީއޭ އިން ބުނީ އެ ދެ މީހުންގެ ކަރުގައި ހިފައި މަރާލާފައިވާ ކަމަށް ބެލެވޭއިރު، ބައްޕަ އަކީ އެކަމުގެ އެންމެ ބޮޑަށް ޝައްކު ކުރެވޭ މީހެއް ކަމަށެވެ.

އޮސްޓްރިއާގެ އެސޯސިއޭޝަން އޮފް އޮޓޮނޮމަސް ވިމެންސް ޝެލްޓާސް އިން މިދިޔަ އަހަރު 26 މަރުގެ މައްސަލަ ރެކޯޑްކޮށްފައިވާއިރު، އަންހެނުންނާއި އަންހެން ކުދިން މެރުމާ ގުޅިގެން އޮސްޓްރިއާ އާއި ޔޫރަޕްގެ އެކި ކަންކޮޅުތަކުގައި ބަހުސްތައް ހިނގަމުންދެެއެވެ. މިފަދަ ހަމަލާތައް ގިނަ ފަހަރަށް އަމާޒު ވަނީ ބައިވެރިން ނުވަތަ ކުރީގެ ބައިވެރިންގެ ފަރާތުންނެވެ.

ހަމަނުޖެހުންތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެހީވާ ޖަމިއްޔާތަކަށް ދޭ ފައިސާ އިތުރުކުރުން ފަދަ ގިނަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް އޮސްޓްރިއާ ސަރުކާރުން ވަނީ ވައުދުވެފައެވެ.