ފަލަސްތީނުގެ ޣައްޒާއަށް ނިސްބަތްވާ ޔާސިރު އަލްދާލޫގެ މައިންބަފައިން އަށް އަހަރު ވަންދެން އިންތިޒާރު ކުރީ ދަރިއަކު ލިބޭނެ ދުވަހަކަށެވެ. އެ އިންތިޒާރުގެ ނިމުން ފޮނިވެ، ދެމަފިިރިންނަށް އަލަތު ދަރިފުޅު ލިބުނެވެ. އެ ދަރިފުޅާއެކު އުފާވެރި ވަގުތުތަކެއް ހޭދަ ކުރަން މައިންބަފައިން ބޭނުންވި ނަމަވެސް، އުމުރުން އެންމެ ހަތަރު މަހުގައި އެ ކުއްޖާ ވަނީ މި ދުނިޔެ ދޫކޮށްފައެވެ.

ޔާސިރުގެ މަންމަ ނޫރު އަލް ދާލޫ ރޮއިޓާސް ނިއުސް އެޖެންސީއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ "ދަރިއަކު ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރި" ކަމަށެވެ.

ޔާސިރު އުފަންވީ މިދިޔަ އަހަރުގެ ފަހުކޮޅު އިސްރާއީލުން ޣައްޒާއަށް ހަމަލާދިންތާ މާ ގިނަ ދުވަހެއް ނުވަނީހެވެ. ހުކުރު ދުވަހު ނިރުބަވެރި އިސްރާއީލުން

ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން މިސައިލް ހަމަލާތަކުގައި ތުއްތު ޔާސިރު އާއި އިތުރު 21 މީހުން ވަނީ ޝަހީދުވެފައެވެ.
އޭނާގެ ކުޑަ ކުޑަ ހަށިގަނޑު އޮތީ މޯޗަރީއެއްގެ ތެރޭގައި ކަފުންކޮށް ފޮތިގަނޑެއްގައި އޮޅާލައިފައެވެ.

ނޫރު އަލް ދާލޫ ޝަހީދުވެފައިވާ އޭނާގެ ދަރިފުޅާއެކު - ފޮޓޯ: އޭޕީ

އޮންލައިން ފޮލޯވަރުންގެ ގޮތުގައި 1.2 މިލިއަން ފޮލޯވަރުން ތިބި ކޮމީޑިއަން މަހްމޫދު އަބޫ ޒައިތަރުގެ އާއިލާގެ ގެއަކަށް ދިން ހަމަލާގައި ޔާސިރުގެ އިތުރުން ހަތަރު އަންހެނުންނާއި ހަތަރު ފިރިހެނުން ހިމެނޭ ގޮތަށް 14 ކުއްޖަކު ވަނީ ޝަހީދުވެފައެވެ.

ހަނގުރާމަ ފެށުނު އިރު ޣައްޒާގެ ބިރުވެރި ހިސާބުތައް ދޫކޮށް ދިއުމަށްފަހު ޔާސިރު އާއި އޭނާގެ މައިންބަފައިން ހިޔާވަހިކަން ހޯދަމުން ދިޔަ ތަނަކީ ދީރް އަލް ބަލާހުގައި އެމީހުން ދިރިއުޅޭ ގެއެވެ.

"އަހަރެމެން ތިބީ އިށީންދެގެން، ތިއްބާ ކުއްލިއަކަށް އަހަރެމެންގެ ބޮލަށް ފާރުން ބައެއް ވެއްޓުނީ، މިސައިލްތައް ވެއްޓުނީ ކިހިނެއް ކަމެއް ނޭނގޭ، އަހަރެން ހުރީ ޔާސީރުގެ ގައިގައި ހިފަހައްޓައިގެން، އަހަރެން ބުނަމުން ދިޔައިން ނޫރް، "ދަރިފުޅަށް ބަލާބަލަ". އަހަރެން ތުއްތު ޔާސިރުގެ ގައިގައި ކޮއްޓާ ހެދިން. އަދި އެކުއްޖާގެ ގައިގައި ތަޅަމުން ދިޔައިިން ރޮވޭތޯ. އެކަމަކު އެ ކުއްޖާގެ އެއްވެސް ދިރިމެއް ނެތް،". ޔާސިރުގެ ދައްތަ ރަޝާ އަބޫ ޒައިތަރު ބުންޏެވެ.

ނިރުބަވެރި އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާއިން 29،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައިވާކަމަށް ޣައްޒާގެ ސިއްހަތާއި ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުގައި ވެއެވެ. މި ހަމަލާތަކުގައި ޝަހީދުވި އަންހެނުންނާއި ކުޑަކުދިންގެ އަދަދުވެސް ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައި ވެއެވެ.