އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި މެދުނުކެނޑި ހަނގުރާމަ ކުރަމުން ދާއިރު، އިސްރާއީލުގެ އަސްކަރިއްޔާއަށް ތެޔޮ ފޯރުކޮށްދިނުން ހުއްޓާލަން އދ އިންސާނީ ހައްގުތަކާ ބެހޭ ދެ ތަޖުރިބާކާރުން ގޮވާލައިފިއެވެ.

ކާނާގެ ހައްގާ ބެހޭ އދގެ ހާއްސަ މުޝީރު މައިކަލް ފަޚްރީި ވަނީ އިސްރާއީލަށް ތެޔޮ ފޯރުކޮށްދިނުން ހުއްޓާލުމަށް ތިން ކުންފުންޏަކަށް ގޮވާލައްވާފައެވެ. އެއީ ބީޕީ، ޝެވްރޮން އަދި އެކްޒޮންއެވެ.

އޭނާ ވިދާޅުވެފައި ވަނީ އެ ތިން ކުންފުނިން ދަނީ އެމެރިކާ، ބްރެޒިލް، ރަޝިއާ، އަޒަރްބައިޖާން، އަދި ކަޒަކްސްތާނު މެދުވެރިކޮށް އިސްރާއީލުގެ އަސްކަރިއްޔާއަށް ތެޔޮ ފޯރުކޮށްދެމުންކަން އޮއިލް ޗޭންޖު އިންޓަނޭޝަނަލްއިން ކޮށްފައިވާ ދިރާސާއަކުން ހާމަވެފައިވާ ކަމަށެވެ.

ފަޚްރީ ވިދާޅުވީ އެ ކުންފުނިތަކުން އިސްރާއީލުގެ އަސްކަރިއްޔާއަށް ތެޔޮ ފޯރުކޮށްދެމުން ދާނަމަ އެ ކުންފުނިތަަކަށް ވެސް އިސްރާއީލުން ޣައްޒާގައި ހިންގާ ނަސްލު ނައްތާލުމުގެ ގަތުލުއާންމުގައި ބައިވެރިވެވެނީ ކަމަށެވެ.

އޭގެ އިތުރުން އިސްރާއީލަށް މަދުން ނަމަވެސް ބަރާބަރަށް ސައުދީ އަރަބިއްޔާ، މިސްރު، އިރާގު އަދި އެކުވެރި އަރަބި އިމާރާތް މެދުވެރިކޮށް ވެސް ތެލުގެ ޝިޕްމެންޓުތައް ފޯރުކޮށްދޭ ކަމަށް ދިރާސާގެ މައުލޫމާތު ތަކުން އެނގިގެންދާ ކަމަށް ފަޚްރީ ވިދާޅުވިއެވެ.

ފަޚްރީ ވަނީ އިސްރާއީލުގެ އަސްކަރިއްޔާއަށް އިގުތިޞާދީ ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމަށް ވެސް ގޮވާލައްވާފައެވެ.

ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ހައްގާ ބެހޭ އދ ގެ ހާއްސަ މުޝީރު ބާލަކްރިޝްނަން ރާޖަގޯޕާލް ވަނީ ފަޚްރީގެ ވާހަކަތަކަށް ތާއިދު ކުރައްވާފައެވެ.

ރާޖަގޯޕާލް ވިދާޅުވެފައި ވަނީ ކުންފުނިތަކުން އެ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށާއި އެހެންނޫނީ މާދަމާ އޭގެ ނަތީޖާއާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.