ޣައްޒާގައި ހާލުގައި ޖެހިފައިތިބި މީހުންނަށް ގޮދަން ފުށް ބަހަމުންދާ ކަމަށް އަލް ޖަޒީރާ އިން ރިޕޯޓް ކޮށްފިއެވެ.

އަލް ޖަޒީރާ އިން މައުލޫމާތުދޭ ގޮތުގައި އެއްގަމު މަގުން މިއަދު ޣައްޒާ އަށް އެހީގެ ބޮޑެތި 6 ޓްރަކް ވަނީ ވަދެފައެވެ. އަދި މި އެހީތައް ފަލަސްތީނުގެ ރެފިއުޖީންނާއި ބެހޭ އދ ގެ ޖަމިއްޔާ (އަންރާ)ގެ ސެންޓަރުތަކަށް ފޯރުކޮށްދީފައވާ ކަމަށް ވެސް އަލްޖަޒީރާ އިން ރިޕޯޓް ކުރެއެވެ.

ޣައްޒާގެ ސަރުކާރުގެ ސިވިލް ޑިފެންސް ތަރުޖަމާނު ބުނެފައިވަނީ އުންމީދު ކުރަނީ ކޮންމެ ދުވަހަކު ވެސް އިސްރާއީލުގެ ސިފައިން މި ގޮތަށް އެހީގެ ޓްރަކްތައް އެއްގަމު މަގުން ވަނުމަށް ހުއްދަ ދިނުމަށް ކަމަށެވެ. ނަމަވެސް އެހީގެ ޓްރަކް ތައް ބޯޑަރުގެ އަނެއްފަރާތުގައި އެ ތިބެނީ ޣައްޒާ އަށް ވަނުމަށް އިސްރާއީލުގެ އަސްކަރިއްޔާގެ އިޝާރާތަކަށް އިންތިޒާރުގައި ކަމަށާއި ނަމަވެސް އިސްރާއީލުން އެ ހުއްދަ ނުދޭ ކަމަށް އޭނާ ބުނެފައި ވެއެވެ.

" ގޮދަން ފުށް ކޮތަޅު ކޮތަޅަށް އެޅުމަށް ފަހު ބެހުމުގެ މަސައްކަތް މިހާރު ކުރިއަށް އެ ދަނީ. އެކަމަކު ހިތާމައަކީ ހާލުގައި ޖެހިފައި ތިބި މީހުންގެ ނިސްބަތަށް ބަލާއިރު އެހީގެ ގޮތުގައި ބަހަން މި ލިބުނީ ވަރަށް ކުޑަ އެތިކޮޅެއް. އެހެން ކަމުން ހަމަނުޖެހުމެއް ހިނގާފާނެތީ ފުށް ބެހުމަށް ހަރަކާތްތެރިވަނީ ޣައްޒާގެ ރައްޔިތުންގެ ރުހުމާއި އިއްޒަތް ލިބިފައިފާ ބައެއް ގަބީލާތަކާއި އާއިލާތަކުގެ ވެރިން،" ސިވިލް ޑިފެންސް ތަރުޖަމާނު މަހްމޫދު ބަސަލް އަލް ޖަޒީރާ އަށް ކިޔައިދިނެވެ.

ގޮދަން ފުށް ހޯދުމަށް އަންރާ ގެ މަރުކަޒުތަކުގެ ބޭރުގައި އެތައް ބަޔަކު ވަނީ އެއްވެފައެވެ.

ޔަހޫދީންގެ އަނިޔާވެރި ހަމަލާތަކުގައި މުޅި ޣައްޒާ ފުނޑުފުނޑުވެފައިވާ އިރު އެހީއަށް އެދި އެތައް ބަޔަކު ދަނީ އާދޭސް ކުރަމުންނެވެ. ޣައްޒާ އަށް އެހީ ވައްދަން އިސްރާއީލުން ހުރަސް އަޅަމުންދާ އިރު، ވަންނަ މަދު އެހީ ހޯދަން ދާ މީހުންނަށްވެސް އިސްރާއީލު ސިފައިން ދަނީ ހަމަލާ ދެމުންނެވެ. އެގޮތުން އެހީ ހޯދުމަށް އެއްވެ ތިބޭ މީހުންނަށް ދިން ހަމަލާތަކުގައި މިހާތަނަށް ޣައްޒާ އިން 400 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.