ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ ޔަހޫދީ ރައްޔިތުން ހަތިޔާރާއި އެކީ ފަލަސްތީނުގެ ރައްޔިތުންނަށް ހުޅަނގު އައްސޭރީގައި ހަމަލާދެމުން އެބަދެއެވެ.

އިސްރާއީލުން ހިފައިގެން އުޅޭ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ގާނޫނާއި ހިލާފަށް ވަޒަންވެރިވެގެން އުޅޭ އިސްރާއީލްގެ ރައްޔިތުން މިފަހަރު ހަމަލާދީފައިވަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޚިރްބެތު އަބޫ ފަލާހް އަވަށް ކައިރީގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށެވެ. މި އަވަށަކީ ހުޅަނގު އައްސޭރީގެ ރަމަﷲ ސަހަރު ކައިރީގައި އޮންނަ އަވަށެކެވެ.

ފަލަސްތީނުގެ ދައުލަތުގެ މީޑިއާ ވަފާ ނިއުސް އިން މައުލޫމާތުދޭ ގޮތުގައި ޔަހޫދީން ހަތިޔާރާއި އެކީ ޚިރްބަތު އަބޫ ފަލާހް އަވަށަށް އަރައި ދިން ހަމަލާތަކުގައި ފަލަސްތީނުގެ 4 މީހަކަށް ވަނީ އެކިވަރުގެ ޒަހަމްތައް ލިބިފައެވެ. މި ހަމަލާތައް ޔަހޫދީން ދީފައިވަނީ އެ އަވަށަށް ވަންނަށް އޮންނަ މައި މަގު ފެށޭ ހިސާބުގައި ތިބެގެންނެވެ.

ވަފާ ނިއުސް އަށް މައުލޫމާތު ދިން ފަލަސްތީނުގެ ރައްޔިތުން ބުނެފައިވާ ގޮތުގައި ޔަހޫދީ އިސްރާއީލްގެ ރައްޔިތުން ވަނީ އެ އަވަށުގައި ފަލަސްތީނުގެ ބައެއް ރައްޔިތުންގެ އުޅަނދުތަކުގައި އަލިފާން ޖަހައި ރޯކޮށްލާފައެވެ. ނަމަވެސް އެއްވެސް ގެ އެއްގައި ރޯކޮށްލާފައި ނުވާ ކަމަށް ވެސް އެ އަވަށުގެ ފަލަސްތީނުގެ ރައްޔިތުން ވަނީ ވަފާ ނިއުސް އަށް މައުލޫމާތުދީފައެވެ.

ހުޅަނގު އައްސޭރީގައި ގަވާއިދާއި ހިލާފަށް ވަޒަންވެރި ވެގެން އުޅޭ ނުލަފާ ޔަހޫދީން މި ގޮތަށް ވަރަށް ގިނައިން ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ އަވަށް ތަކަށް އަރައި ހަމަލާދެއެވެ. އެ ގޮތުން މިއަދު ޔަހޫދީން ވަނީ ހުޅަނގު އައްސޭރީގެ ރަމަﷲ ކައިރީގައިވާ އަލް މުގައިހިރު އަވަށަށް އަރައި ހަމަލާ ދީ ފަލަސްތީނުގެ ރައްޔިތަކު ޝަހީދުވެސް ކޮށްލާފައެވެ.