ދެކުނު ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުގެ 40 އަމާޒަކަށް ވަރުގަދަ ހަމަލާތަކެއް ދީފައި ވާނެ ކަމަށް ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ބުނެފިއެވެ.

އިސްރާއީލުގެ ޔަހޫދީ އަސްކަރިއްޔާ އިން ބުނެފައިވަނީ މި ހަމަލާތައް ދިނުމުގައި އިސްރާއީލުގެ އަސްކަރިއްޔާގެ ވައިގެ ސިފައިންގެ އިތުރުން އާޓިލެރީ ޔުނިޓްތަކުން ބައިވެރިވި ކަމަށެވެ. ޔަހޫދީންގެ އަސްކަރިއްޔާގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ދެކުނު ލުބުނާންގެ އައިތް އަލް ޝާބް އަވަށަށެވެ. މިއީ ލުބުނާންގެ ދެކުނުގައި ހިޒްބުﷲގެ ބާރުގެ ދަށުގައި އޮންނަ ހިސާބެކެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ބުނެފައިވަނީ މިއަދުގެ ހަމަލާތައް އަމާޒުކޮށްފައިވާނީ ހިޒްބުﷲ ޖަމާއަތުން ހަތިޔާރު ރައްކާކުރަން ބޭނުން ކުރަމުން ދިޔަ ގުދަން ތަކަކަށާއި އަދި އެހެނިހެން އަސްކަރީ ނިޒާމުތައް ޤާއިމުކޮށްފައިވާ މަރުކަޒުތަކަށް ކަމަށެވެ.

ޔަހޫދީ އިސްރާއީލުގެ އަސްކަރިއްޔާ އިން މި ހަމަލާތައް ދީފައި މިވަނީ ލުބުނާނާއި އިސްރާއީލު ގުޅޭ ސަރަހައްދީ އިމުގައި ހިޒްބުﷲ ޖަމާއަތާއި އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ވަރުގަދަ ހަމަލާތަކެއް ބަދަލުކުރާތާ ދުވަސް ތަކެއް ވެފައި ވަނިކޮށެވެ.

ހިޒްބުﷲ ޖަމާއަތުން ދެކެނީ އިސްރާއީލަކީ ފަލަސްތީނުގެ ބިމަށް ވެރިވެ ގަނެގެން އުޅޭ ޣައިރު ޤާނޫނީ ދައުލަތެއްގެ ގޮތުގައެވެ. އަދި އިސްރާއީލުން ދެކެނީ ހިޒްބުﷲ އަކީ އިރާނުގެ މަދަދު ލިބިގެން ލުބްނާނުގައި ހަރަކާތްތެރިވާ ނިރުބަވެރި ޖަމާއަތެއްގެ ގޮތުގައެވެ.

އިސްރާއީލުން ލުބުނާނު ގައި ހަރަކާތްތެރި ވަމުންދާ ހިޒްބުﷲ ޖަމާއަތުގެ ފަރާތުން ވަރުގަދަ ބޮޑު ހަމަލާއެއް އަތުވެދާނެ ކަމުގެ ބިރަށް ކުރިއާލައި އެ ޖަމާއަތުގެ އަސްކަރީ މަރުކަޒުތައް ހަލާކު ކުރަމުންދާ ކަމަށް މެދުއިރުމަތީގެ މަޝްރަހު ދިރާސާކުރައްވާ އަސްކަރީ ތަޖުރިބާ ކާރުން ވަނީ ބުނެފައެވެ.