ހައްދުފަހަނަ އަޅާފައިވާ ނިރުބަވެރި އިސްރާއީލުގެ 18 އަހަރުގެ އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދީފިއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އެ އަންހެން މީހާއަށް ހަމަލާދީފައިވަނީ އިސްރާއީލުގެ މެދުތެރޭގައި އޮންނަ ސިޓީއެއް ކަމަށްވާ ރަމްލާގައެވެ.

މިހަމަލާގައި އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އިސްރާއީލުން ހާމަކޮށްފައެއް ނުވެއެވެ. އިސްރާއީލުގެ އިދާރާތަކުން ހަމައެކަނި އާންމުކޮށްފައިވަނީ އޭނާގެ ހާލު ސީރިއަސް ކަމާއި އޭނާއަށް ޝަމިރް މެޑިކަލް ސެންޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

އިސްރާއީލުގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި މި ހަމަލާދިން މީހާ ވަނީ ފުލުހުން ބަޑިން ހަމަލާދީ މަރާލާފައެވެ. މި ހަމަލާދީފައިވާ މީހާގެ ވަނަވަރެއް ވެސް އިސްރާއީލުން ހާމަކޮށްފައެއް ނުވެއެވެ.

އިސްރާއީލުގެ ފުލުހުން ބުނީ، މި ހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން އެކި ގައުމުތަކުގައި އަންނަނީ އިސްރާއީލާއި ދެކޮޅަށް މުޒާހަރާކޮށް އަޑު އުފުލަމުންނެވެ. މިފަދަ މުޒާހަރާތަކުގައި ފުލުހުން ބާރުގެ ބޭނުންކޮށްގެން މީހުން ހައްޔަރު ކުރަމުން އަންނައިރު، ބައެއް ގައުމުތަކުގެ މީހުން އަންނަނީ އިސްރާއީލުގައި ދިރިއުޅެމުން އަންނަ އެގައުމުގެ މީހުންނަށް ހަމަލާތައް ދެމުންނެވެ.