ޣައްޒާ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުން ދިޔަ ބަލި މީހުންގެ ގަބުރުސްތާނެއް އެމީހުން ފަރުވާ ހޯދަމުން ދިޔަ ހޮސްޕިޓަލުގެ ކައިރިން ފެނިއްޖެއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އެމީހުންގެ ހަށިގަނޑުތައް އެ ސަރަހައްދުން ފެނުނުއިރު، އެމީހުންގެ ގަޔަށް ގުޅާފައިވާ އައިވީ ކަށިތަކާއި ބެންޑޭޖު ވެސް ހުއްޓެވެ. އެހެން ކަމުން އެއީ ކޮންބައެއްކަން ޑޮކްޓަރުންނަށް ވަނީ ދެނެގަނެވިފައެވެ.

ހައްދުފަހަނަ އަޅާފައިވާ ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން އެމީހުން ޝަހީދުކޮށްލާފައިވަނީ މިދިޔަ މާޗް މަހު އެމީހުން އަލް-ޝިފާ ހޮސްޕިޓަލަށް ވަދެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ކަމަށް ސިއްހީ ހިދުމަތްތެރިން ވަނީ ކަށަވަރު ކޮށްދީފައެވެ.

އިސްރާއީލުން ހޮސްޕިޓަލަށް ވަން އިރު، އެމީހުން ވަނީ ހޮސްޕިޓަލުގައި ބޭނުން ކުރާ ގިނަ ސިއްހީ އާލާތްތަކުގެ އިތުރުން، ހޮސްޕިޓަލަށް ވަރަށް ބޮޑަށް ގެއްލުންދީފައެވެ. އޭރު އެ ހޮސްޕިޓަލަކީ ގެދޮރު ގެއްލިފައިވާ މީހުން ބޯހިޔާވަހިކަން ވެސް ހޯދަމުން ދިޔަތަނެކެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އެ ސަރަހައްދުން 20 މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ.

ޣައްޒާ ހޮސްޕިޓަލެއްގައި ކައިރިން ބަލި މީހުންގެ ގަބުރުސްތާނެއް ފެނިފައިވާއިރު، މިއީ ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ހިންގި ހަމައެކަނި ގަތުލު އާންމެއް ނުނެވެ. މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ގިނަ ބަޔަކު ޝަހީދު ކޮށްލާފައިވާއިރު، ނިރުބަވެރިން ވަނީ އެތަކެއް ޣައްޒާ ރައްޔިތުންގެ ގައިމަތިން ޓޭންކަރުތަކާއި ބުލްޑޯޒަރުތައް ވެސް ދުއްވާފައެވެ.