ޔަހޫދީންގެ ޣައިރު ގާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގި ހާއްސަ ރެއިޑްތަކެއްގައި ހަމާސް ޖަމާއަތުގެ ގިނަ އަދަދެއްގެ މުޖާހިދުން ޝަހީދުކޮށްލާފައިވާނެ ކަމަށް ޔަހޫދީންގެ އަސްކަރިއްޔާ އިން ބުނެފިއެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގެ މެދުތެރޭގައި އަސްކަރީ ރެއިޑްތަކެއް ކުރިއަށް ގެންދާތާ މިހާރު ދެތިން ދުވަސް ވަނީ ވެފައެވެ. ޔަހޫދީން މި ރެއިޑްތައް ހިންގަނީ ޖާސޫސީ ގޮތުން ލިބޭ މައުލޫމާތުތަކުގެ މައްޗަށް ބަރޯސާވެއެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ބުނެފައި ވަނީ މި އަސްކަރީ ރެއިޑްތަކުގައި ސިފައިން ވަނީ އެއްގަމު މަގުންނާއި ވައިގެ މަގުން ހަމާސް ޖަމާއަތުގެ މުޖާހިދުންނާއި ދެކޮޅަށް ހަމަލާތަކެއް ދީފައި ކަމަށެވެ. އަދި މި ހަމަލާތަކުގައި ހަމާސް ޖަމާއަތުން ބޭނުން ކުރަމުންދިޔަ އަސްކަރީ މަރުކަޒުތަކެއް މުޅިން ސުންނާފަތި ކޮށްލާފައިވާނެ ކަމަށް ޔަހޫދީ އަސްކަރިއްޔާ އިން ވަނީ ބުނެފައެވެ.

މި ރެއިޑް ތަކުގައި ހަމާސްގެ މުޖާހިދުން އިސްރާއީލަށް ހަމަލާދިނުމަށް ފަހު ފިލުމަށާއި މުޖާހިދުންގެ ހަތިޔާރު ފޮރުވުމަށް ބޭނުން ކުރާ ބިންގަރާސް ތަކެއް ވެސް ވަނީ ހަލާކުކޮށްލާފައި ކަމަށް ޔަހޫދީ އަސްކަރިއްޔާ އިން ވަނީ ބުނެފައެވެ.

ޔަހޫދީން މި އަސްކަރީ އޮޕަރޭޝަން ހިންގާފައި ވަނީ މެދުތެރޭ ޣައްޒާގެ ނުސެއިރަތު ރެފިއުޖީ ކޭމްޕު ކައިރީގައެވެ. އަދި ޔަހޫދީ އަނިޔާވެރި އަސްކަރިއްޔާގެ ހަމަލާތައް ވަނީ އެ ރެފިއުޖީ ކޭމްޕަށް ވެސް އަމާޒު ކޮށްފައެވެ. އެގޮތުން ފާއިތުވެދިޔަ ދެ ދުވަހުގެ ތެރޭގައި ނުސެއިރަތު ރެފިއުޖީ ކޭމްޕުން ވަނީ ޔަހޫދީންގެ ހަމަލާތަކުގައި ފަލަސްތީނުގެ ކުށެއް ނެތް އެތައް ރައްޔިތުންނެއް ޝަހީދުވެފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި ތުއްތު ދެ ކުދިން ވެސް ހިމެނެއެވެ.

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ދަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުން ޝަހީދުކުރަމުންނެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގައި ޣައްޒާ އިން 33،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.