ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން އަދިވެސް ދަނީ ޣައްޒާ އަށް އިންސާނީ އެހީ ވެއްދުމަށް ހުރަސް އަޅަމުން ކަމަށް އދ އިން ބުނެފިއެވެ.

ސުވިޒަލޭންޑުގެ ޖެނީވާ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އދ ގެ އިންސާނީ ހައްޤުތަކާއި ބެހޭ އޮފީހުގެ ތަރުޖަމާނު ރަވީނާ ޝަމްދަސަނީ ވިދާޅުވީ ޣައްޒާ އަށް ކޮންމެހެން ވައްދަން ޖެހޭ އިންސާނީ އެހީތެރިކަމުގެ ސާމާނުތައް ވެއްދުމުގައި ވެސް އިސްރާއީލުން ހުރަސް އަޅަމުންދާ ކަމަށާއި އަދި ޣައްޒާގައި ހާލުގައި ޖެހިފައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ މުހިއްމު ޒަރޫރީ ސާމާނު ފޯރުކޮށްދިނުމުގެ ހަރަކާތް ތަކަށް އެކި ކަހަލަ ހުރަސްތައް އަޅަމުން އަދި އުނދަގޫ ތައް ކުރިމަތި ކުރުވަމުންދާ ކަމަށެވެ.

" އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އަދި އެހީގެ ތަކެތި ބެހުމަށް އުޅޭ އެއްވެސް ފަރާތަކަށް ހަމަލާ އަމާޒުވެގެން ނުވާނެ. މިއީ އަަހަރެމެން އެއްވެސް ހާލެތް ގައި ބަލައިގަންނާނެ ކަމެއް ނޫން." ޝަމްދަސަނީ ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

ޔަހޫދީ އިސްރާއީލުން ވަނީ ޣައްޒާގެ އެހީ ފޯރުކޮށްދިނުމަށް ހިންގާ އެއްވެސް ހަރަކާތަކަށް އެއްވެސް ކަހަލަ ހުރަހެއް ކުރިމަތި ނުކުރާ ކަމަށް ބުނެފައެވެ.

ޔަހޫދީންގެ ދައުލަތް އިސްރާއީލުން އެމެރިކާގެ އެހީދޭ ޖަމާއަތެއް ކަމަށްވާ ވޯލްޑް ސެންޓްރަލް ކިޗަންގެ މަސައްކަތްތެރިން ދަތުރުކުރަމުން ދިޔަ ގާފިލާ އަށް މި މަހުގެ 1 ވަނަ ދުވަހު ހަމަލާދީ އެ ޖަމާއަތުގެ 8 މަސައްކަތްތެރިން ޝަހީދުކޮށްލި ހާދިސާ އަށް ފަހު ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުންނާއި ޖަމިއްޔާތަކުން ވަނީ ސުލްހަވެރިކަމާއި ރައްކާތެރިކަމާއި އެކީ އިސްރާއީލުން ޣައްޒާ އަށް އެހީ ވެއްދޭނެ މަގުތައް ހުޅުވާލުމަށް ގޮވާލާފައެވެ

އދ ގެ އިންސާނީ ހައްޤުތަކާއި ބެހޭ އޮފީހުހެ ތަރުޖަމާނު ރަވީނާ ޝަމްދަސާނީ ވަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އަމަލުތައް ކުށްވެރިކުރައްވާ އެކަމާއި ވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެކަމަނާ ވަނީ ޔަހޫދީ އަސްކަރިއްޔާ އިން މި ހަމަލާތަކުގައި އިސްރާއީލްގެ ރައްޔިތުންނަށް އެހީވަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ވަގުތުން ހުއްޓާލުމަށް ވެސް އެކަމަނާ ވަނީ އިސްރާއީލްގެ އަސްކަރިއްޔާ އަށް ގޮވާލާފައެވެ.