ފަލަސްތީނުގެ ޣައްޒާގެ ރަފަހް އަށް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާއިން ރޭ ދިން ހަމާލާއެއްގައި އެއް އާއިލާގެ 13 ކުޑަކުދިން ޝަހީދު ވެއްޖެއެވެ.

ޣައްޒާގެ ހޮސްޕިޓަލު ރެކޯޑްތަކުންް ދައްކާ ގޮތުގައި ޣައްޒާގެ އެންމެ ދެކުނުގެ ރަފަހް އަށް ރޭ ދިން ހަމަލާ ތަކުގެ ތެރެއިން އެއް ހަމަލާ ގައި އެއް އާއިލާއަކަށް ނިސްބަތްވާ 13 ކުޑަކުދިންނާއި 2 އަންހެނުން ވަނީ ޝަހީދު ކޮށްލާފައެވެ.

އިސްރާއީލުން އެއްގަމު މަގުން ރަފަހް އަށް އަރަން ތައްޔާރު ވަމުންދާއިރު ޔަހޫދީންގެ އަސްކަރިއްޔާ އިން ވަނީ ރަފަހް އަށް ވައިގެ މަގުން ދޭ ހަމަލާ ތައް އިތުރު ކޮށް ވަރުގަދަ ކޮށްފައެވެ. އެގޮތުން އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ދަނީ ރަފަހް ގެ އާންމުން ދިރިއުޅޭ އިމާރާތްތަކަށް އަމާޒުކޮށް ހަމަލާ ދެމުންނެވެ.

ރަފަހް އަކީ މިހާރު ވެސް ޔަހޫދީންގެ އަނިޔާވެރި ކަމުން ސަލާމަތްވުމަށް ޣައްޒާގެ އެކި ހިސާބުތަކުން މިލިއަނެއްހާ މީހުން ޖަމާވެފައި އޮތް ސަރަހައްދެކެވެ.

ހަމާސްގެ ބާކީ ތިބި ހަނގުރާމަވެރިންނާއި، ހަމާސް އިން ރަހީނު ކޮށްފައި ތިބި މީހުން ތިބީ ރަފަހް ގައި ކަމަށް ބުނެ ރަފަހް އަށް އެއްގަމު މަގުން އަރަން އިސްރާއީލުގެ އަސްކަރިއްޔާ އިން ދަނީ ތައްޔާރުވަމުންނެވެ. ރަފަހް އަށް ނޭރުމަށް ބައިނަލް އަގުވާމީ މުޖުތަމައުން ގޮވާލަމުން ދިޔަ ނަމަވެސް ޔަހޫދީންގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ ރަފަހް އަށް ކޮންމެހެންވެސް އަރާނެ ކަމަށާއި އެކަމަށް ތާރީހެއްވެސް ކަނޑައަޅާފައިވާ ކަމަށެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 34،097 މީހުން ޝަހީދު ކޮށްލާފައިވާ އިރު، އިތުރު 76،980 މީހުން ވަނީ ޒަހަމް ވެފައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތިންބައިކުޅަ ދެބަޔަކީ ކުޑަކުދިންނާއި އަންހެނުންނެވެ.