ޣައްޒާގެ ޚާން ޔޫނިސްގައި ހުންނަ ނާސިރު މެޑިކަލް ކޮމްޕްލެކްސްގެ ތެރެއިން ބޮޑު ކަށްވަޅެއް ފެނިފައިވާއިރު، އެ ކަށްވަޅުން މިހާތަނަށް 180 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓު ކޮށްފިއެވެ.

މި ކަށްވަޅު ފެނިފައި މިވަނީ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލުގެ އަސްކަރިއްޔާއިން ޚާން ޔޫނިސް އިން ސިފައިން ބޭލުމަށް ފަހުގައެވެ. އެތައް މަހެއް ވަންދެން އިސްރާއީލުގެ އަސްކަރިއްޔާއިން ދީފައިވާ ހަމަލާތަކުގައި ޚާން ޔޫނުސްގެ ބޮޑު ބައެއް މިހާރު ވަނީ ސުންނާފަތި ވެފައެވެ.

"ހޮސްޕިޓަލުގެ ގޯތިތެރޭގައި ސިވިލް ޑިފެންސް މެމްބަރުންނާއި ޕެރަމެޑިކްސް އިން ވަނީ އިސްރާއީލުގެ އަސްކަރިއްޔާއިން މި ބޮޑު ކަށްވަޅުގައި ވަޅުލާފައިވާ 180 މީހެއްގެ ހަށިގަނޑު ހޯދާފައި. އޭގެ ތެރޭގައި އުމުރުން ދުވަސްވީ އަންހެނުންނާއި، ކުޑަކުދިންނާއި، ޒުވާން ފިރިހެނުން ވެސް ހިމެނޭ،" ޚާން ޔޫނިސް ގައި ހުރި އަލްޖަޒީރާގެ ނޫސްވެރިޔާ ހާނީ މަހްމޫދު ރިޕޯޓު ކޮށްފައި ވެއެވެ.

މީހުން ސަލާމަތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި ބައެއް ހަށިތައް ފެނިފައި ވަނީ ޕްލާސްޓިކް ކޮތަޅުތަކުގެ ތެރެއިންނެވެ. ބައެއް މީހުންގެ ފުރަގަހުގައި ދެއަތް ބަނދެފައި ހުރުމުން އެމީހުން ވަނީ ގަސްތުގައި ޝަހީދު ކޮށްލާފައިވާ ކަމަށް ބެލެވޭ ކަމަށްވެސް ރިޕޯޓު ކޮށްފައި ވެއެވެ.

ފަލަސްތީނުގެ އިމަޖެންސީ ސާވިސަސް އިން ހޮނިހިރު ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަދިވެސް ގިނަ އަދަދެއްގެ ޝަހީދުންގެ ހަށިތައް ފެނިފައި ނުވާ ކަމަށާއި ބާކީ ތިބި ޝަހީދުން ހޯދުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ޓީމުތަކުން ކުރިއަށް ގެންދާނެ ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ދެ ހަފްތާ ވަންދެން ހިސޯރުކޮށް ހަމަލާ ދިން ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އަލްޝިފާ ހޮސްޕިޓަލުންވެސް މި ހަފްތާގެ ކުރީކޮޅު ވަނީ ބޮޑު ކަށްވަޅެއް ފެނިފައެވެ. އޭގެ ކުރިންވެސް އެ ހޮސްޕިޓަލުން ވަނީ ކަށްވަޅުތަކެއް ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބުނު މަހުދީ

    ކޮބާ އަރަބި ރަސްކަލުން. އަދިވެސް އެމީހުން ތިބީ އެމެރިކާ ފަސްބައިގައި އެލިގެން. ހަމަކަށަވަރުން ﷲ ވަނީ ފަލަސްތީނު ރައްޔަތުންނާއެކީ. އެއީ ހިތްވަރުގަދަ ބައެއް.

    13