މިދިޔަ ހުކުރު ދުވަހު ބާރުގަދަ ބިންހެލުމެއް އައި އަދި އޭގެ ފަހުން ސުނާމީ އެރި އިންޑޮނޭޝިއާގެ ޕަލޫ ގައި ހުރި އަލިފާން ފަރުބަދަ ގޮވަން އުޅޭ ކަމުގެ ނިޝާންތައް ފެންނަން ފަށައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އުތުރު ސޮލަވެސީ ޕްރިވިންސްގެ މައުންޓް ސޮޕޫޓަން އަކީ ޕަލޫގެ އުތުރުގައި ހުންނަ ފަރުބަދަ އެކެވެ. އެފަރުބަދަ އިން މިހާރު ދަނީ ވަރަށް ބޯކޮށް ދުން އަރަމުންނެވެ. މިހާރު ފަރުބަދަ އިން އަލިފާން ވެސް ފައިބަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަލިފާން ފަރުބަދަ ގޮވާފާނެ ކަމުގެ ނިޝާންތައް ފެންނަމުން ދިޔަ ނަމަވެސް އެސަރަހައްދުގައި ދިރިއުޅޭ މީހުން ސަރަހައްދު ދޫކޮށް ދިއުމަށް އަދި ކަމާބެހޭ ފަރާތްތަކުން އަންގާފައެއް ނުވެއެވެ. ނަމަވެސް ފަރުބަދަ ގޮވާފާނެ ކަމުގެ އިންޒާރުގެ ލެވަލް ވަނީ ހަތަރު ވަނަ ދަރަޖަ އަށް މައްޗަށް ޖައްސާފައެވެ. މިއިންޒާރާއި ގުޅިގެން ފަރުބަދަ ހުންނަ ސަރަހައްދާއި ކައިރިވުން ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން ފަރުބަދަ ހުންނަ ސަރަހައްދުން ދަތުރު ނުކުރަން މަތިންދާބޯޓްތަކަށް ވެސް އިންޑޮނޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ.

އަލިފާން ފަރުބަދަ ހުންނަނީ ސުލާވެސީގެ އުތުރު ގައެވެ. ބިންހެލުމާއި ސުނާމީގައި ބޮޑެތި ގެއްލުންތައް ލިބުނީ ސުލާވެސީގެ މެދުތެރޭގެ ސަރަހައްދުތަކަށެވެ.

ފަރުބަދަ ގޮވާފާނެ ކަމުގެ ނިޝާންތައް މިދިޔަ އޮގަސްޓް މަހުން ފެށިގެން ފެންނަމުން އަންނަ ކަމަށް އިންޑޮނޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ހުކުރު ދުވަހު އައި ބިންހެލުމާއި، އޭގެ ފަހުން އެރި ސުނާމީގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1300 އަށް ވުރެ މައްޗަށް އަރާފައެވެ.