ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގައި ނޫސްވެރިޔާ ޖަމާލް ޚާޝޮގްޖީ ވީނުވީއެއް ނޭނގި ގެއްލުނު މައްސަލައިގައި، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އާލް ސައުދާއި ބައްދަލުކުރެއްވުމަށް އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ސައުދީ އަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕް މިއަދު ކުރި ޓްވީޓެއްގައި ބުނީ ނޫސްވެރިޔާގެ މައްސަލައިގައި ސައުދީ ރަސްގެފާނާއި މިއަދު ވާހަކަދައްކަވާފައިވާ ކަމަށާއި ނޫސްވެރިޔާ އަށް ވީގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށް ރަސްގެފާނު ވިދާޅުވި ކަމަށެވެ. އޭނާއަށް ވީގޮތެއް ހޯދުމަށް ތުރުކީއާއެކު ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ސަލްމާން ވިދާޅުވި ކަމަށްވެސް ޓްރަމްޕް ބުނެފައިވެއެވެ.

ޓްރަމްޕް ވަނީ މިކަމާ ގުޅިގެން އެމެރިކާގެ ހާރިޖީ ވަޒީރު ޕޮމްޕެއޯ ސައުދީ ރަސްގެފާނާއި ބައްދަލުކުރެއްވުމަށް ފޮނުވުމަށް ނިންމަވާފައިވާ ކަމަށްވެސް ބުނެފައެވެ.

ސައުދީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާ ނޫސްވެރިއެއްގެ ގޮތުގައި ހާޝޮގްޖީ މަޝްހޫރުވެފައިވާއިރު، އޭނާ ވީނުވީއެއް ނޭނގި ގެއްލިފައިވަނީ މި މަހުގެ ދެވަނަ ދުވަހު ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަތް ފަހުންނެވެ. ސައުދީ އަށް އުފަން ހާޝޮގްޖީ ކޮންސިއުލޭޓަށް ދިޔައީ ތުރުކީގެ ރައްޔިތަކާއި ކައިވެނި ކުރަން ބޭނުންވާ ލިޔެކިޔުންތަކެއް ހޯދުމަށެވެ.

ހާޝޮގްޖީ ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު ތުރުކީގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ ކޮންސިއުލޭޓުގެ ތެރޭގައި ސައުދީގެ 15 މީހުންގެ ޓީމަކުން ވެގެން އޭނާ މަރާލާފައިވާ ކަމަށް ބުނަމުންނެވެ. ނަމަވެސް މި ވާހަކަތަކައް ސައުދީން އަންނަނީ ދޮގުކުރަމުންނެވެ. ސައުދީން ބުނާގޮތުން ކޮންސިއުލޭޓަށް އައުމަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައި ހާޝޮގްޖީ ވަނީ އެތަނުން ގޮސްފައެވެ.

ކޮންސިއުލޭޓުގެ ތެރޭގައި ނޫސްވެރިޔާ މަރާލާފައިވާ ކަމުގެ ތުހުމަތު ކުރެވެމުންދާއިރު ތުރުކީން އަންނަނީ އެކަމާ ގުޅުންހުރި އޯޑިއޯ އަދި ވީޑިއޯ ހެކި ލިބިފައިވާ ކަމަށްވެސް ބުނަމުންނެވެ.