ހޮންކޮންގައި ކުރަމުންދާ މުޒާހަރާތަކަށް ގިނަ އަދަދެއްގެ ޓީޗަރުން ނިކުމެ، މުޒާހަރާތަކުގައި ބައިވެރިވާން ފަށައިފިއެވެ.

ހޮންކޮންގެ މުޒާހަރާތައް ފެށީވެސް އަދި މިހާތަނަށް ގިނައިން އިސްކޮށް ހަރަކާތްތެރި ވަމުން އައީ ވެސް މަތީތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންނެވެ. ޓީޗަރުން އިއްޔެ މުޒާހަރާއަށް ނިކުމެފައި ވަނީ ފުލުހުންގެ ކިބައިން ދަރިވަރުން ހިމާޔަތް ކުރަން ކަމަށް ބުނެއެވެ.

މުޒާހަރާގައި ބައިވެރިވި ޓީޗަރަކު ބުނީ މުޒާހަރާއަށް ނިކުތީ އަނިޔާވެރިކަމާއި ދެކޮޅަށް އަޑުއުފުލުގައި ދަރިވަރުންނަށް ނަމޫނާ ދައްކަން ވެގެން ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވީ އަނިޔާވެރިކަމާއި، ހަމަނުޖެހުންތަކާއި ދެކޮޅު ކަން ދައްކުވައިދޭން. ދަރިވަރުންނަށް ނަމޫނާ ބަޔަކަށް ވުމަށްޓަކައި ޓީޗަރުން ޖެހޭ އަނިޔާވެރިކަމާއި ދެކޮޅަށް އަޑުއުފުލުގައި އަމަލީ ގޮތުން ބައިވެރިވާން." އޭނާ ބުންޏެވެ.

މުޒާހަރާގައި ބައިވެރިވި ޓީޗަރުން ވެސް ވަނީ "ހޮންކޮންގ މިނިވަން ކުރުމަށް" ގޮވާލާ އަޑު އުފުލާފައެވެ.

ހޮންކޮންގައި މީގެ 11 ހަފްތާ ކުރިން މުޒާހަރާ ފެށުނީ ކުއްވެރިން ޗައިނާ އާއި ހަވާލު ކުރެވޭ ގޮތައް ޤާނޫނެއް ފާސްކުރަން އުޅުމުންނެވެ. މިހާރު ޤާނޫނު ފާސްކުރުން މަޑުޖައްސާލާފައި ވީނަމަވެސް މުޒާހަރާ ކުރިއަށްދަނީ ހޮންކޮންގެ ޗީފް މަގާމުން އިސްތިއުފާ ދިނުމަށާއި މުޒާހަރާގެ ތެރޭގައި ފުލުހުން ކުރި އަނިޔާ ތަޙްޤީޤު ކުރުމަށް ގޮވާލައެވެ.

މުޒާހަރާ އާއްމުގޮތެއްގައި ސުލްހަވެރިކޮށް ދިޔަ ނަމަވެސް ބައެއް ފަހަރު ގްރޫޕްތަކުން މުޒާހަރާގެ ތެރޭގައި ހަމަނުޖެހުން ހިންގާފައިވެއެވެ.

މުޒާހަރާ ފެށި ފަހުން މިދިޔަ ބުރާސްފަތި ދުވަހާއި ހަމައަށް 748 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މުޒާހަރާ ރޫޅާލަން މިހާރު ހޮންކޮން ފުލުހުން ތައްޔާރުވަމުންދާ ކަމަށް މީޑިއާތަކުން ބުނެއެވެ.