އިނގިރޭސިވިލާތުގެ 'އިސިކްސް' އިން އިއްޔެ ކޮންޓެއިނަރ ލޮރީއެއްގެ ތެރެއިން ފެނުނު 39 މީހުން މަރުވެފައިވަނީ، ގަދަ ފިނީގައި، ގަނޑުވެގެން ކަމަށް ބެލެވޭ ކަމަށް އެޤައުމުގެ ކަމާބެހޭ މާހިރުން ބުނެފިއެވެ.

އިއްޔެގެ ދަންވަރުގެ ވަގުތެއްގައި ފެނުނު ލޮރީއިން ފެނުނު މީހުން "ގަނޑު ސަންދޯކެއް" ތެރޭގައި، ސަލާމަތްވާނެ ގޮތެއް ނުފެނި މަރުވީ ކަމަށް ބެލެވޭ ކަމަށް ބައެއް މީހުން ލަފާ ކުރެއެވެ. އިނގިރޭސި ފުލުހުން ވަނީ އެ ހާދިސާ އާއި ގުޅުން ހުރި ކަމަށް ބެލެވޭ މީހުން ހޯދުމުގެ ބައިނަލްއަޤްވާމީ އޮޕަރޭޝަނެއް ފަށާފައެވެ. އެ މައްސަލައިގެ ތަހުގީގު ވެސް ގިނަ އަދަދެއްގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުން ކުރިއަށް އެބަގެންދެއެވެ.

ނޯދަން އަޔަލެންޑުގެ 25 އަހަރުގެ، 'މޯ ރޮބިންސަން' ކިޔާ މީހަކު ވަނީ އިސިކްސް ގައި އިއްޔެގެ ހާދިސާ އާއި ގުޅިގެން ހައްޔަރުކުރެވި، ތަހުގީގު ކުރަން ފަށާފައެވެ. އެމީހާ އަކީ ލޮރީގެ ޑްރައިވަރު ކަމަށް މަޢުލޫމާތު ލިބެއެެވެ. އޭނާގެ މައްޗަށް މިހާރުވެސް ފުލުހުން ތުހުމަތު ކޮށްފައިވަނީ މީހުން މެރުމުގެ ތުހުމަތެވެ. ވަނީ މީގެ ކުރިންވެސް މޯ ރޮބިންސަން، އެ ލޮރީ ދުއްވާފައިވާ ކަން ލީކުވެފައިވާ ފޮޓޯތަކުން ހާމަވެއެވެ.

ލޮރީ އިން ފެނުނު މީހުންނަކީ އިންސާނުން ޓްރެފިކްކުރުމުގެ ޤަވާއިދާއި ޙިލާފު އޮޕަރޭޝަނެއް ކަމަށާއި، އަދި އެއީ ވިލާތުގެ އެފަދަ އިންސާނުން ޓްރެފިކް ކުރާ ގޭންގެއްގެ އޮޕަރޭޝަނަކަށް ވުން ގާތްކަމަށް އިނގިރޭސި ފުލުހުން ޤަބޫލުކުރެއެވެ. މިހާތަނަށް އަދި މަރުވެފައިވާ މީހުން ނިސްބަތްވާ ޤައުމެއް، ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި އެމީހުން މަރުވެފައިވަނީ ނޭވާ ހާސްވެގެން ކަމެއް ނުވަތަ ގަނޑުވެގެން ކަންވެސް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

39 މީހުން މަރުވެފައި ތިއްބާ ފެނުނީ ލޮރީގެ ފަހަތު ބައިންނެވެ. މިކަހަލަ ހާދިސާތައް ދިރާސާ ކުރާ މާހިރަކު ބުނި ގޮތުން އިއްޔެ ފެނުނު ކަހަލަ ލޮރީ އެއްގެ ތެރޭގައި ތާށިވެފައި ތިބި ބަޔަކު ގަނޑުވެގެން މަރުވުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ. އެގޮތުން ލޮރީ ތެރޭގައި ހުރި ފިނިކުރާ ޔުނިޓުގެ ސަބަބުން މައިނަސް 25 ޑިގްރީ ސެލްސިއަސް އަށް ޓްރަކު އެތެރޭގެ ފިނިހޫނުމިން ދަށްވާނެ ކަމަށް އެފަރާތުން ހާމަކުރެއެވެ.

"ވަރަށް ބޮޑު ބިރުވެރިކަމަކަށް ވާނީ. ވަރަށް އަނދިރި ވާނެ. ފްރިޖު ޖައްސާފައި ހުރި ނަމަ، ހީވެސް ނުކުރާ ވަރަށް ފިނިގަދަ ވާނެ އެތަން."

އިނގިރޭސި ފުލުހުން މިހާރު ހާމަކުރާ ގޮތުގައި މި ހާދިސާގައި ހިމެނޭ ލޮރީ އެޤައުމަށް އެތެރެވެފައިވަނީ ވޭލްސްގެ އުތުރުގައި އޮންނަ 'ހޮލީހެޑް' ބަނދަރުންނެވެ. އަދި އެއީ އަޔަލެންޑު މަގުން ދަތުރުކުރުމަށް ފަހުގައި ކަން ވެސް މިހާރު ވަނީ އެނގިފައެވެ.