އީރާންގެ ހަ ސިޓީއަކަށް ނޮވެލް ކޮރޯނާވައިރަސް ކޮވިޑް-19 ފެތުރިފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.

އީރާނުން ބުނީ އެގައުމުގެ ޤުއޮމް ސިޓީން ފެނުނު ކޮވިޑް-19 މިހާރު ވެރިރަށް ތެހެރާން، ބަބޮލް، އަރަކް، ރަޝްތު އަދި އެންމެ އާބާދީ ބޮޑު އިސްފަހާނަށް ވެސް ފެތުރިފައިވާ ކަމަށެވެ.

ކޮވިޑް-19 ފެތުރިފައިވާ ސިޓީތަކަށާއި އަދި އެހެން ސިޓީތަކަށް ވެސް މަޖުބޫރު ވެގެން ނޫން ގޮތަކަށް ދަތުރު ނުކުރަން އީރާން ސަރުކާރުން އިލްތިމާސް ކުރެއެވެ.

އީރާނުން ބުނީ ކޮވިޑް-19 މިހާތަނަށް ހަ ސިޓީއަކުން ފެނިފައި ވީނަމަވެސް އިތުރު ސިޓީތަކުގައި ވެސް ބަލި ޖެހިފައވާ މީހުން އަލާމާތްތައް ނުފެނި ތިބުން އެކަށީގެންވާ ކަމަށެވެ.

ކޮވިޑް-19 ޖެހިގެން އީރާނުން ވަނީ މިހާތަނަށް ހަތަރު މީހަކު މަރުވެފައެވެ.

މިއަދު ލުބުނާނުން ވެސް ކޮވިޑް-19 ފެނިފައި ވާއިރު މެދުއިރުމަތީގައި ބަލި ފެތުރެމުން ދިއުމުގެ ސަބަބުން ބިރުވެރިކަން ވަނީ އިތުރުވެފައެވެ.

ޑަބްލިއުއެޗްއޯ އިން ވަނީ ބަލިން ރައްކާތެރިވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަމުން ގެންދިއުމަށް ގޮވާލާފައެވެ. ފިޔަވަޅު އެޅުން ލަސްވެއްޖެނަމަ ބަލި ވަރަށް ބޮޑަށް ފެތުރިގެން ހިނގައިދާނެ ކަމުގެ އިންޒާރު ޑަބްލިއުއެޗްއޯ އިން ދެއެވެ.

ސިއްހީ އެކަށީގެންވާ ނިޒާމެއް ނެތް ގައުމުތަކުގައި ކޮވިޑް-19 ފެތުރެން ފަށައިފިނަމަ ކޮންޓްރޯލް ކުރަން ދަތިވެ އެތައް މިލިއަން ބަޔަކު މަރުވެގެން ހިނގައިދާނެ ކަމަށް ބައެއް ސައިންސްވެރިން ވަނީ ލަފާކޮށްފައެވެ.