އެމެރިކާ ބައްރުގެ ގައުމެއްކަމުގައިވާ ނިކަރާގުއާގައި އެގައުމުގެ ސަރުކާރާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެ މަރުވި މީހުންގެ އަދަދު 25 އަށް އަރައިފިއެވެ.

ގިނަ މީހުން މަރުވެފައިވަނީ ފުލުހުން އަސްލު ވަޒަން ބޭނުންކުރުމުންކަމަށް ޚަބަރުލިބެއެވެ. މަރުވި މީހުންގެ ތެރޭގައި ނޫސްވެރިޔަކާއި ފުލުހަކުވެސް ހިމެނެއެވެ.

ހަމަނުޖެހުންތަކުގައި އިތުރު 67 މީހަކަށް އެކި ވަރުވަރުގެ އަނިޔާލިބިފައިވާކަމަށް މައުލޫމާތުލިބޭއިރު ސަރުކާރާއި އެއްކޮޅު ބައެއް ގުރޫޕުތަކުން މުޒާހަރާކުރާ ފަރާތްތަކަށް ހަމަލާދީފައިވާކަމުގެ ރިޕޯޓްތަކެއްވެސް ވަނީ ލިބިފައެވެ. ހަމަނުޖެހުންތަކުގައި އިތުރު 43 މީހަކު ގެއްލިފައިވާކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. ސަރުކާރުން މުޒާހަރާކުރާ ފަރާތްތަކަށް ގަސްތުގައި ހަމަލާދިނުމަށް އަސްކަރިއްޔާގެ ސްނައިޕަރުންވެސް ބޭނުންކޮށްފައިވާކަމުގެ ތުހުމަތުތަކެއް ލިބިފައިވާއިރު އެގައުމުގެ އަސްކަރިއްޔާއިން ދަނީ މިހާރު މަގުތަކުގައި ފޯރިމަރަމުންނެވެ.

ނިކަރާގުއާގެ ރައީސް ޑޭވިޑް އޮޓެގާ ވަނީ ހަމަނުޖެހުންތައް ރާވަމުންދަނީ ގޭންގްތަކުންކަމަށާއި އަދި މައްސަލަ އުފެދިގެންދިޔަ ސޯޝަލް ސެކިއުރިޓީ މައްސަލަ ބަދަލުކުރުމަށް ނިންމާފައިވާކަމަށާއި ވިދާޅުވެފައެވެ. އެހެންނަމަވެސް އޭނާ އެކަމާއި ބެހޭ ވާހަކަތައް ބާއްވާނީ ހަމައެކަނި އެގައުމުގެ އިސް ވިޔަފާރިވެރިންނާއިއެކުގައިކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އިތުރުންވެސް އޮޓެގާ ވަނީ ސަރުކާރާއި ދެކޮޅަށް ހަރަކާތްތެރިވާ ގިނަ ފަރާތްތަކަކީ ޔުނިވާރސިޓީތަކުގައި ކިޔަވާކުދިންކަމަށާއި އަދި އެތަނުން ގިނަ ކުދިންނަކީ އެމެރިކާއިން ފައިސާ ހަރަދުކޮށްގެން ހިތްވަރުދެމުންދާ ބައެއްކަމަށްވެސް ތުހުމަތުކޮށްފައެވެ.

ނިކަރާގުއާގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ޔުނައިޓެޑް ނޭޝަންސްގެ އިންސާނީ ހައްގުތަކާއި ބެހޭ އޮފީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންނަމަވެސް ހަމަނުޖެހުންތައް އަދިވެސް މަޑުޖެހޭނާކަމުގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާކަމަށް އެގައުމުގެ މީޑިޔާ ރިޕޯޓްތަކުގައި ވަނީ ލަފާކޮށްފައެވެ. ސަރުކާރާއި ދެކޮޅަށް މުޒާހަރާކުރާ ފަރާތްތަކުން ވަނީ ރައީސް އޮޓެގާއާއި އޭނާގެ އަނބިކަނބަލުން ވެރިކަމުން ވަގުތުން ވަގުތަށް ފޭބުމަށް ގޮވާލައިފައެވެ.