އިންޑިއާގައި ކޮވިޑް-19 ފެތުރެމުންދާތީ އެ ގައުމުގައި ހުރި އެންމެ ތާރީހީ އެއް ބިނާ ކަމަށްވާ ތާޖް މަހަލް ބަންދުކޮށްފިއެވެ.

އިންޑިއާގެ ގަދީމީ މި ބިނާ އަށް ދުވާލެއްގެ މައްޗަށް 10،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރެއެވެ.

އެ ގައުމުގެ ކަލްޗާ މިނިސްޓްރީން ބުނީ ތާޖް މަހަލް ބަންދު ކުރީ ގިނަ ބަޔަކު އެއް ތަނަކަށް ޖަމާވެ، އުޅޭ ތަނަކަށް އެތަން ވުމާއި ދުނިޔެ އަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ނުރައްކާތެރިކަން އިތުރަށް ބޮޑުވަމުންދާތީ ކަމަށެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި ތާޖް މަހަލް ދެން ހުޅުވާނީ މި މަހުގެ 31 ވަނަ ދުވަހުއެވެ. އެ ގައުމުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ދުވާލެއްގެ މައްޗަށް ތާޖް މަހަލް ސަރަހައްދަށް އެކަނި ވެސް 70،000 ފަތުރުވެރިން ޒިޔާރަތްކޮށް އުޅެއެވެ.

ކޮވިޑް-19 ގެ ނުރައްކަލުން އިންޑިއާ ސަލާމަތް ކުރުމަށް އެ ގައުމުން ދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އިންޑިއާގެ ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި، ވަޒީފާތަކާއި އެކި ޕްރޮޖެކްޓްތައް ހުއްޓާލާފައިވާއިރު، ޑިޕްލޮމެޓިކް މިޝަންތަކަށް ދޭ ވިސާތައް ފިޔަވައި އެހެން ވިސާތައް ދިނުން ވެސް ވަނީ އެ ގައުމުން ހުއްޓާލައިފައެވެ.

މީގެ އިތުރުން އެ ގައުމުގެ ގިނަ ކޮލެޖްތަކާއި ސްކޫލްތަށް ބަންދުކޮށްފައިވާ އިރު ސަރުކާރުން އަދި ކަމާބެހޭ އިދާރާތަކުން ވަނީ ސިނަމާތަކާއި އަދި މީހުން އެއްވެ އުޅޭ ރެސްޓޯރަންޓްތައް އަދި ބާ ތައްވެސް ބަންދުކޮށްފައެވެ.

ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ އިންޑިއާއިން މިހާތަނަށް 129 މީހަކު ވައިރަހަށް ޕޮސިޓިވް ވެފައިވާއިރު ތިން މީހުން މިހާތަނަށް ވަނީ މަރުވެފައެވެ. އަދި އެ ގައުމުން ދަނީ ވައިރަހަށް މީހުން ޓެސްޓުކުރުމުގެ މަސަތްކަތްތަށް ހަރުދަނާކޮށް ގިނަ މީހުން ޓެސްޓުކުރެވޭނެ އިންތިޒާމް ހަމަޖައްސަމުންނެވެ.

އެގޮތުން އިންޑިއާގެ ސަރުކާރުން ވަނީ ސަރުކާރުގެ ލެބްތަކުގައި އަދި ޕްރައިވެޓް ލެބްތަކުންވެސް ޓެސްޓްތައް ހެދޭނެ ގޮތް އިންތިޒާމްކޮށްފައެވެ.

އިންޑިއާއިން ދުވާލެއްގެ މައްޗައް އެތައް ބަޔަކު ޓެސްޓު ކުރަމުންދާ އިރު، ކަމާބެހޭ މާހިރުން ބުނީ އެ ގައުމުގެ ނިސްބަތުން އެކަށީގެންވާ ވަރަށް ޓެސްޓް ކުރެވެމުން ނުދާ ކަމަށެވެ.

ކޮވިޑް-19 ޖެހިގެން އެތައް ހާސް ބަޔަކު މަރުވެފައިވާއިރު ކަމާބެހޭ މާހިރުން ދެއްވާ އިރުޝާދުތަކަށް އަމަލުކޮށް ގިނަ ގިނަ އިން ސާފްތާހިރުވުމަކީ މި ވައިރަހުން ސަލާމަތްވުމަށް އޮތް އެންމެ ރަނގަޅު ފިޔަވަޅެވެ. ވައިރަހުގެ ސަބަބުން މިހާތަނަށް 7،173 މީހުން ވަނީ މަރުވެފައެވެ.