އިންޑިއާގައި ކޮވިޑް-19 ފެތުރެމުންދާތީ ބަންދު ކުރި އެ ގައުމުގެ އެންމެ ތާރީހީ ބިނާ، ތާޖް މަހަލް އަލުން ހުޅުވަން ތައްޔާރުވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ތާޖް މަހަލް، ފަތުރުވެރިންނަށް ހުޅުވާލަން ނިންމާފައި ވަނީ ސެޕްޓެމްބަރު 21 ވަނަ ދުވަހުން ފެށިގެންނެވެ. އިންޑިއާގައި ހަލުވިކަމާ އެކު، ކޮވިޑް-19 ފެތުރެމުންދާތީ އެތަން ބަންދުކޮށްފައި އޮންނަތާ މިހާރު ހަ މަސް ދުވަސްވެއްޖެއެވެ.

އިންޑިއާގެ އާގްރާގައި ހުންނަ ތާޖް މަހަލް އަށް ދުވާލެއްގެ މައްޗަށް ޒިޔާރަތް ކުރެވޭނީ 5،000 މީހުންނަށެވެ. ތާޖް މަހަލް އަށް ވަންނަ ނަމަ، އިޖުތިމާއީ ގައިދުރުކަމާއި އެހެނިހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް އަޅަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

"ފުރަބަންދަކަށް ދިއުމުގެ ކުރިން، އެ މޮނުއިމަންޓަށް 70،000 މީހުން ހަފްތާ ބަންދު ދުވަސް ދުވަހު ދިޔަ. ދުވާލެއްގެ މައްޗަށް 40،000 މީހުން ޒިޔާރަތް ކުރޭ. އެކަމަކު، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން އެބަޖެހޭ،"އާކިއޮލަޖިކަލް ސާވޭ އޮފް އިންޑިއާ (އޭއެސްއައި) ގެ ސުޕްރިޓެންޑެންޓް ވަސަންޓް ސްވަންކަރު ސީއެންއެންއަށް ވިދާޅުވިއެވެ.

ތާޖް މަހަލް އަށް ވަންނަން ބޭނުންވާ މީހުން ޒިޔާރަތް ކުރަން ޖެހޭނީ އީޓިކެޓެއް މެދުވެރިކޮށެވެ. އަދި ގްރޫޕް ފޮޓޯ ނެގުން މަނާ ކުރުމަށް ހަމަޖެހިފައިވާ އިރު، އެތަނަށް ވަންނަ މީހުންގެ ސިއްހީ ހަލަތު ބެލުމަށް ވަނީ ހަމަޖެހިފައެވެ.

ތާޖް މަހަލް އަށް ވަންނަ ކޮންމެ މީހަކު ވެސް މާސްކް އަޅަން ޖެހޭނެއެވެ.

"އަހަރުމެންނަށް ކުރެވުނު ހުރިހާ ކަމެއް އެބަ ކުރަން، ބަލި ފެތުރުނަ ނުދިނުމަށް،" ސްވަންކަރު ވިދާޅުވިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އާގްރާ އިން އެކަނި ވެސް 3،548 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ. އަދި 110 މީހަކު ވަނީ މަރުވެފައެވެ. އިންޑިއާ އިން ހަތަރު މިލިއަނަށް ވުރެ ގިނަ މީހުން ފައްސިވެ، 73،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ދުނިޔޭގެ 7 އަޖައިބުގެ ތެރޭގައި ވެސް ހިމެނޭ ތާޖް މަހަލްއަކީ ކޮންމެ އަހަރަކު ވެސް އެތައް ބަޔަކު އެ ބިނާ ބަލައިލަން ޒިޔާރަތް ކުރާ ތަނެކެވެ. ސަންގުމަރުމަރު ހިލައިން މިސްކިތެއް ސިފަވާ ކަހަލަ ބައްޓަމަކަށް ބިނާކޮށްފައިވާ ތާޖް މަހަލްއަކީ ޝާހް ޖަހާން ލޯބިވާ އަނބިކަނބަލުން މުމްތާޒް ޖަހާންގެ ހަނދާނުގައި ބިނާ ކުރި ތަނެކެވެ. އެތަނަކީ އިސްލާމީ ފަންނުވެރިކަން ވެސް ވަރަށް ބޮޑަށް ދައްކުވައި ދޭ ތަނެކެވެ.