ދުނިޔޭގެ 7 އަޖާއިބުގެ ތެރެއިން އެއް އަޖާއިބުގެ ގޮތުގައި ގިނަ ބަޔަކު އަދިވެސް ބަލަމުން އަންނަ އިންޑިއާގެ ތާޖް މަހަލް އަށް ބޯ ވިއްސާރަ އާއިއެކު ހޮނު އެޅުމުން ގެއްލުންތަކެއް ވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭގަނޑު ތާޖް މަހަލް ހުންނަ އާގްރާ އާއި ބޯ ވިއްސާރަ އާއި އެކު ހޮނު އެޅުމުގެ ސަބަބުން ތާޖް މަހަލް އަށް ލިބުނު ބައެއް ގެއްލުންތަކުގެ ތެރޭގައި އެ ގަނޑުވަރުގެ ބޭރުގައި ޗަކައިން މަސާޖުކުރަން 17ވަނަ ގަރުނުގައި ހަދާފައި ހުރި ބައި ވަނީ އެއްކޮށް ހަލާކުވެފައެވެ.

މީގެ އިތުރުން، ރަތް ކުލައިގެ ވަރަަށް ޒަމާންވީ ގަލެއްވެސް ވެއްޓި، ގެއްލުންތަކެއް ލިބިފައިވާއިރު، އެތަނުގެ ސެކިއުރިޓީ އިން ތިބޭ ސަރަހައްދުގެ ސީލިންގު ވެއްޓި، މެހުމާނުން އަންނަ ސަރަހައްދަށްވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.

ގަޑިއަކު 124 ކިލޯމީޓަރުގެ ބާރުމިނުގައި ވައިވެސް ޖެހުނު އިރު ތާޖް މަހަލް އާއި އަގްރާގެ ގިނަ ގަސްތަކެއްވެސް ވަނީ ވެއްޓިފައެވެ.

އިންޑިއާގައި މާޗް 25ން ފެށިގެން އިއުލާން ކޮށްފައިވާ ފުރަބަންދުގެ ސަބަބުން ތާޖް މަހަލްވެސް ވަނީ ބަންދު ކޮށްފައެވެ. މިހާރު ތާޖް މަހަލް އަށް ލިބުނު ގެއްލުންތައް މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައި ވާއިރު، މިތަން ބަލައިލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކު ކޮންމެ އަހަރަކުވެސް އިންޑިއާ އަށް ޒިޔާރަތް ކުރެއެވެ.

ތާޖް މަހަލް އަކީ އިންޑިއާގެ ރަސްކަލެއް ކަމުގައިވާ ޝާހް ޖަހާން އޭނާ އެންމެ ލޯބިވި އަނބިމީހާ، މުމްތާޒް މަހަލްގެ ހަނދާނުގައި އިމާރާތް ކޮށްފައިވާ ތަނެކެެވެ. ޝާހް ޖަހާން އުޅުނީ ތާޖް މަހަލްގެ އާއި ޖެހިގެން އޮންނަ ޔަމުނާ ކޯރު ހުރަސްކޮށް ތާޖް މަހަލް އާއި އެއްގޮތަށް ކަޅު ގާ ބޭނުން ކޮށްގެން ހަމަ އެކަހަލަ އިތުރު ތަނެއް ބިނާކޮށް، އެ ކޯރު ހުރަސްކުރަން ރިހިން ބްރިޖެއް ބިނާ ކުރުމަށެވެ. ނަމަވެސް އޭގެ ކުރިން އޭނާ ވަނީ މަރުވެފައެވެ.