އިންޑިއާގައި ކޮވިޑް-19 ފެތުރެމުންދާތީ ބަންދު ކުރި އެ ގައުމުގެ އެންމެ ތާރީހީ ބިނާ، ތާޖް މަހަލް އަލުން ހުޅުވައިފިއެވެ.

ތާޖް މަހަލް ހުޅުވާފައި ވަނީ މިއަދު ހެނދުނުއެވެ. ފަތުރުވެރިންގެ މެދުގައި މަގްބޫލު އަގްރާގައި ހުންނަ ތާޖްމަހަލް އަލުން ހުޅުވާފައި ވަނީ ހަ މަސް ދުވަސް ފަހުންނެވެ. ތާޖް މަހަލްގެ އިތުރުން ދަ އަގްރާ ފޯޓްވެސް މިއަދު ވަނީ ހުޅުވާފައެވެ.

ކޮވިޑް-19 އާ ހެދި ދުނިޔޭގެ މަގްބޫލުކަން ހޯދާފައިވާ މި ދެ ތަން ބަންދު ކުރީ މާރިޗް 17 ވަނަ ދުވަހުއެވެ.

މިހާރު އަލުން މި ދެތަނަށް ވަންނަ، މީހުން ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހެއެވެ. އަދި ތާޖް މަހަލްއަށް ދުވާލަކަށް ވަދެވޭނީ 5000 މީހުންނަށް ކަމަށް ބަޔާން ކޮށްފައި ވެއެވެ. އެހެންކަމުން ކުރިން ދުވާލަކު އެތައް ހާސް ބަޔަކު ވަންނަމުންދިޔަ ތާޖް މަހަލްއަށް ވަދެވޭ މީހުންގެ އަދަދުތައް މި ވަނީ ވަރަށް ބޮޑަށް މަދު ވެފައެވެ. އެގޮތުން އުސޫލުގައި އޮންނަނީ މެންދުރު 2:00ގެ ކުރިން 2500 މީހުން، އޭގެ ފަހުން 2500 މީހުންނެވެ.

އަދި އެތަނަށް ވަންނަ ފަރާތްތަށް ޓިކެޓް ނަގަން ޖެހެނީ ވެސް އޮންލައިންކޮށެވެ. އަދި އެތަނަށް ވަންނަ މީހުންގެ ހުން ބަލާނެއެވެ. ގްރޫޕް ފޮޓޯ ނެގުން މަނާ ވާނެއެވެ. ނަމަވެސް ސެލްފީ ނެގޭނެއެވެ.

އަދި އެތަނަށް ވަދެ އުޅޭއިރު، ގައިދުރުކަމަށްވެސް ސަމާލުކަން ދޭން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި ތާޖް މަހަލް އަށް ވަންނަ ކޮންމެ މީހަކު ވެސް މާސްކް އަޅަން ޖެހޭނެއެވެ.

ތާޖް މަަހަލްއަކީ ދުނިޔޭގެ 7 އަޖައިބުގެ ތެރޭގައި ވެސް ހިމެނޭ ތަނެކެވެ. އެތަނަށް ކޮންމެ އަހަރަކު ވެސް އެތައް ބަޔަކު ޒިޔާރަތް ކުރެއެވެ.