އީރާނުގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނާތީ އެ ގައުމުން 85،000 އެއްހާ ގައިދީން މިނިވަންކޮށްފިއެވެ.

އެކަން ހާމަ ކުރީ އެ ގައުމުގެ ޖުޑީޝަރީ ސްޕޯކްސް ޕާސަންއެވެ. އީރާންގެ ގައިދީން މިނިވަންކޮށްފައި ވަނީ ވަގުތީ ގޮތުން ކަމަށް ވީނަމަވެސް އެ މީހުން އަނބުރާ ޖަލަށް ގެންދިއުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތާއި، އެ މީހުން އަނބުރާ ގެންދާނެ އިރެއް އީރާނުން ހާމަކޮށްފައެއް ނުވެއެވެ.

އީރާންގެ އޮފިޝަލުން މައުލޫމާތު ދިން ގޮތުގައި މިނިވަން ކުރި ގައިދީންގެ ތެރޭގައި ހިމެނެނީ އެންމެ ބޮޑެތި ކުށްތައް ކޮށްފައި ނުވާ މީހުންނެވެ.

"ޖަލުން މިނިވަން ކުރި މީހުންގެ 50 ޕަސަންޓު ހިއްސާ ކުރަނީ ވަރަށް އާދައިގެ ކުށްތައް ކުރި މީހުން. މި ފިޔަވަޅުތަކަކީ ޖަލުގައި މި ރޯގާ ފެތުރިއްޖެ ނަމަ އުނދަނގޫ ވާނެތީ އާއި އެ ހާލަތުގައި ބަލި ކޮންޓްރޯލް ކުރަން އުދަނގޫ ވާނެތީ ދުރާލާ ވިސްނާފައި އެޅި ފިޔަވަޅެއް. އަނެއްކާ މި ދަނޑިވަޅުގައި އެ މީހުން ދޫކޮށްލައިގެން ވާނެ ގެއްލުމެއް ވެސް ނެތް." އޮފިޝަލް ވިދާޅުވިއެވެ.

އީރާނުން ދޫކޮށްލި ކުށްވެރިންގެ ތެރޭގައި ސިޔާސީ ޚިޔާލް ތަފާތުވުންތަކުގައި ޖަލަށް ލާފައިވާ ސިޔާސީ ކުށްވެރިންވެސް ހިމެނޭ އިރު އޭގެ ތެރޭގައި ނުފޫޒު ގަދަ ބައެއް ކުށްވެރިން ތިބި ކަމަށް މިޑިއާ ރިޕޯޓްތައް ބުނެއެވެ.

އީރާންގެ ޖަލުތަކުން ވެސް ބަލި ފެނިފައި ވުމާއި އެކު ހުރިހާ ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް ޔޫއެންގެ ސްޕެޝަލް ރެޕަޓުއާ އޮން ހިއުމަން ރައިޓްސް ވަނީ މާޗް މަހުގެ 10 ވަނަ ދުވަހު ގޮވާލާފައެވެ.

އެއީ އީރާންގެ ޖަލުތަކަކީ ތޮއްޖެހިފައިވާ ތަނަކަށް ވުމާއި އެކު، އެ ތަނުގައި ބަލި ފެތުރުމުގެ ފުރުސަތު އންތިހާ އަށް އޮންނާނެތީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހާސްކަމެއްނެތި

    އީރާނައް ގެރެންޓީއޮވޭ އެމީހުން ދޫކޮއްލިޔަސް އެމީހުންނަށް ނުރައްކަލެއްނެއްކަން..އީރާނާ ކުޅިކުޅުމަކީ އަލިފާނާކުޅުންކަން ގައި ދީން ދަނޭ..ގަޢުމު ހަލަބޮލި ކުރަންއުޅޭފިއްޔާ ވަގުތުންމަރާނެ..އަ ދި ނުވެސްފިލޭނެ