އިނގިރޭސި ވިލާތުގެ ލަންޑަންގައި ބަހުގައި މަސައްކަތް ކުރާ ނުވަ މީހުން މަރުވުމުން، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

ބޭރުގެ ބައެއް މީޑީއާ ރިޕޯޓުތައް ބުނާ ގޮތުގައި މީގެފަހުން ލަންޑަންގައި ބަހުގެ ހިދުމަތް ހޯދާ މީހުން ބޭނުން ކުރަން ޖެހޭނީ ހަމައެކަނި ބަހުގެ މެދަށްވާ ގޮތަށް ހުންނަ ދޮރެވެ. މި ފިޔަވަޅު އަޅާފައި ވަނީ ބަސް ދުއްވަން އިންނަ ޑްރައިވަރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށްވެއެވެ.

ކޮވިޑް-19 ޖެހިގެން ބަހުގައި މަސައްކަތް ކުރާ ނުވަ މީހުން ވަނީ މަރުވެފައެވެ. އެހެންވެ، އާ އުސޫލު ކުރިއަށް އޮތް ހަފްތާއަކަށް ކުރިއަށް ގެންދާނެ ކަމަށް ބެލެވެއެވެ.

މީގެއިތުރުން މިހާރަށް ވުރެ ބޮޑަށް ބަސްތައް ސާފު ކުރަން ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ނިންމައިފައެވެ. ރިޕޯޓުތައް ބުނާ ގޮތުން އެ ގައުމުގައި އާންމު ދަތުރުފަތުރުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ 14 މަސައްކަތްތެރިން ކޮވިޑް-19 ޖެހިގެން ވަނީ މަރުވެފައެވެ.

ލަންޑަންގެ މޭޔަރު ސާދިގް ހާންވިދާޅުވީ އެ ތަންތަނުގައި މަސައްކަތް ކުރާ މީހުން މަރުވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށާއި އެގޮތަށް މަސައްކަތް ކުރާ މީހުންނަކީ ހިތްވަރު ގަދަ ބަތަލުން ކަމަށެވެ.

ބަހަށް އަރާއިރު ބަހުގެ މެދުގެ ދޮރުތައް އެކަނި ބޭނުން ކުރާ ގޮތަށް ނިންމުމުގެ ބޭނުމަކީ އިޖުތިމާއީ ގައިދުރުކަން ފަރިތަކުރުމަށް މިހާރަށް ވުރެ ބޮޑަށް މަގުފަހިކޮށްދިނުމެވެ.

ބަސްތައް ސާފު ކުރުމަށް މިހާރު އެންޓި ވައިރަލް ޑިސްއިންފެކްޓް ވެސް ބޭނުން ކުރާ ކަމަށާއި ބަހުގެ އިންޓީރިއާވެސް ސާފު ކުރާ ކަމަށް ލަންޑަންގެ ކަމާއި ބެހޭ ފަރާތްތަކުން ބުނެއެވެ.އަދި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ބަހުގެ މަސައްކަތްތެރިންނަށް މައުލޫމާތު ދިނުން ހިމެނެއެވެ.

ލަންޑަންގައި ބަހުގައި ދަތުރުކުރާ މީހުންގެ އަދަދު 80 ޕަސަންޓު ވަނީ ދަށްވެފައެވެ.

އިނގިރޭސި ވިލާތުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 55,242 އަށް އަރައިފައެވެ. މި ބަލީގައި އެ ގައުމުން 6,159 މީހުން ވަނީ މަރުވެފައެވެ.