ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަސްގެ ސަބަބުން ސްޕެއިން އިން އިތުރު 605 މީހަކު މަރުވެއްޖެއެވެ.

މިއަދުގެ މިހައިތަނަށް މަރުވި މީހުންނާއި އެކު ވައިރަސްގެ ޝިކާރަ އަކަށްވެ ސްޕެއިން އިން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 15،843ށް އަރާފައެވެ. ސްޕެއިން އަކީ ޔޫރަޕްގައި އެންމެ ގަދައަށަ ވައިރަސް ފެތުރެމުން އަންނަ ގައުމު ކަމުގައިވާއިރު، މިހައިތަނަށް މުޅި ދުނިޔެއިން އެންމެ ގިނަ ބަޔަކު ފައްސިވި އެމެރިކާ އަށް ފަހުގައި ދެވަނާގައި އޮތީވެސް ސްޕެއިންނެވެ. އެ ގައުމުން ޖުމްލަ 157،022މީހުން ވަނީ ވައިރަހަށް ފައްސިވެފައެވެ. އޭގެ ތެރެއިން 4،756 މީހުން ފައްސިވެފައި ވަނީ ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައެވެ.

ވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުން ޔޫރަޕްގެ ހުރިހާ ބޯޑަރުތަކެއްވެސް ބަންދު ކޮށްފައި ވާއިރު، ސްޕެއިންގައި ވަނީ ކުއްލި ނުރައްކަލުގެ ޙާލަތުވެސް އިއުލާން ކޮށްފައެވެ. އަދި މި މަހުގެ 26ގެ ނިޔަލަށް ކާފިއުގެ މުއްދަތު އިތުރުކޮށް، އާއްމުން ގެތަކުގައި ބޭއްތިއްބުމަށް އެ ގައުމުގެ ސަރުކާރުނަ މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ.

މިއަދު ސްޕެއިން އިން 603 މީހަކު މަރުވި ނަމަވެސް، މިއީ ފާއިތުވެދިޔަ 18 ދުވަހުވެސް އެ ގައުމުން މަރުވި މީހުންގެ އަދަދު އެންމެ ދަށްވި ދުވަސްކަން ފާހަގަކޮށްލެވެއެވެ. އަދި މިއަދު ފައްސިވި މީހުންގެ އަދަދަކީ ފާއިތުވެދިޔަ 19 ދުވަސްތެރޭ އެ އަދަދު އެންމެ ދަށްވި ދުވަހެވެ.

ސްޕެއިންގެ ހޮސްޕިޓަލްތަކުގައި 7،371 މީހެއްގެ ހާލު ސީރިއަސްވެގެން އައިސީޔޫގައި ފަރުވާދެމުން އަންނައިރު، މިހަައިތަނަށް ފަރުވާ ދީގެން 55،688 މީހުން ވަނީ ރަނގަޅު ކޮށްފައެވެ.