ކޮވިޑް-19 ގެ ސަބަބުން އިންޑިއާއާއި ޕާކިސްތާނުގައި އަޅާފައިވާ ބައެއް ފިޔަވަޅުތައް ލުއިކޮށްފިއެވެ.

އިންޑިއާއިން ކޮވިޑް-19 އެންމެ ފުރަތަމަ މިދިޔަ މަހުގެ ތެރޭގައި ފެނުމާއި ގުޅިގެން އެގައުމުގެ ސަރުކާރުން ވަނީ ބަލި އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ވައިގެ ދަތުރުފަތުރު ހުއްޓުވައި، ގައުމުތަކުން މީހުން އެތެރެވުން ވަނީ ހުއްޓުވާފައެވެ. މީގެ އިތުރުން ސްކޫލްތައް ބަންދުކޮށް ވަނީ މުޅި އިންޑިއާ ފުރަބަންދު ކޮށްފައެވެ.

އިންޑިއާގެ ފެޑެރަލް ހޯމް މިނިސްޓްރީން އިއްޔެ ބުނެފައިވަނީ މިއަދުން ފެށިގެން އެގައުމުގެ ބައެއް ފިހާރަތަކުން ވިޔަފާރި ކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް ފިހާރަތަކަށް ދާ މީހުން އިޖުތިމާއީ ގައިދުރުކަން އިސްކޮށް، މާސްކާއި އަންގި އަޅައިގެން ދިއުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިގޮތަށް ހުޅުވުމަށް ބުނެފައިވަނީ ކުދި ފިހާރަތެވެ. ބޮޑެތި ޝޮޕިން މޯލްތަކާއި ރާ ވިއްކާތަންތަން ހުޅުވުމަށް އަދިވެސް އެގައުމުން ހުއްދަ ދީފައެއް ނުވެއެވެ.

އިންޑިއާއިން މިގޮތަށް ލުއިތަކެއް ދީފައިވާއިރު، ޕާކިސްތާނުގެ ސަރުކާރުންވެސް ވަނީ ކޮވިޑް-19 އަށް ފައްސިވި މީހުންނާއި ކޮންޓެކްޓް ވި މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ދާނެ ބައެއް ކޮމާޝިއަލް އަދި އިންޑަސްޓްރިއަލް މަސައްކަތްތައްވެސް ސިއްހީ މިންގަނޑުތަކަށް ފެތޭ ގޮތަށް ކުރިއަށް ދިއުމަށް ގޮވާލާފައެވެ.

މިގޮތަށް އެފަދަ މީހުން ހޯދުމުން ދެން ކަންކަން ކުރިއަށް ގެންދެވޭނެ ގޮތެއް އެނގިގެންދާނެ ކަމަށާއި އެގޮތަށް ހެދުމުން ގައުމުގެ އިގްތިސޯދު ހުޅުވޭނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް އެގައުމުގެ ސިންދް ޕްރޮވިންސްގައި ޖަމާއަތުގައި ނަމާދު ކުރުންވެސް މިހާރު ވަނީ ހުއްދަކޮށްފައެވެ. ސިންދް ޕްރޮވިންސް އަކީ ޑޮކްޓަރުން އިންޒާރު ދޭގޮތުގައި ކޮވިޑް-19 އެންމެ ހަލުވި ކަމާއި އެކީ ފެތުރެނޭ އެއް ޕްރޮވިންސްއެވެ.

އިންޑިއާއިން މިހާތަނަށް މި ބަލި ޖެހިގެން 24،924 މީހަކު ރިޕޯޓް ކޮށްފައިވާއިރު، އެގައުމުން މި ބަލި ޖެހިގެން މިހާތަނަށް މަރުވެފައިވަނީ 78 މީހެކެވެ. އަދި ޕާކިސްތާނުން މި ބަލިގެން 12،227 މީހަކު ފެނިފައިވާއިރު، 256 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު