އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ތާލިބާން ޖަމާޢަތުގެ ހަނގުރާމަވެރިންނާއި ގުޅިގެން އެމެރިކާ ސިފައިން އެޤައުމުން ބޭލުމަށް ރަޝިޔާއިން އެހީތެރިވަމުން އަންނަ ކަމަށް، އެމެރިކާގެ ދިފާޢީ ވުޒާރާ، ޕެންޓެގަން އިން ބުނެފިއެވެ.

ޕެންޓެގަން އިން ނެރުނު ރިޕޯޓެއްގައި ރަޝިޔާއަށް މިފަދަ ތުހުމަތެއް ކޮށްފައި މިވަނީ، ރަޝިޔާ އިން ތާލިބާނުންނަށް ފައިސާ ދީގެން އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިން މަރަން މަސައްކަތް ކުރަމުންދާކަން އެނގިފައިވާ ކަމަށް، މީގެ ކުރިން އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައި ވަނިކޮށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުން ފެށިގެން މިއަހަރުގެ މޭއި މަހާއި ހަމައަށް އެއްކޮށްފައިވާ މަޢުލޫމާތުތައް ކަމަށް ބުނެ ޕެންޓެގަނުން ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުން ފާއިތުވެދިޔަ ދުވަސްތަކުގައި ރަޝިޔާގެ އެހީތެރިކަން ތާލިބާނުންނަށް އިތުރުކޮށްފައި ވާތީ، އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިންނަށް އަންނަނީ ހުރަސްތަކަކާއި ކުރިމަތިވަމުންނެވެ.

އެމެރިކާއިން އަފްޣާނިސްތާނަށް ސިފައިން ފޮނުވައިގެން އުޅެނީ އެޤައުމުގެ މަސްލަހަތު ހިފެހެއްޓުމަށް ކަމަށް ބުނެއެވެ. ޕެންޓެގަންގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ތާލިބާނުންގެ ސަބަބުން އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބައިފިނަމަ އެކަމުން ކުރިމަތިވެދާނެ ނުރައްކާ ބޮޑުވެދާނެ ކަމަށެވެ.

ޕެންޓެގަނުން އާންމުކޮށްފައިވާ ރިޕޯޓުގައިވާ ގޮތުން، ރަޝިޔާއިން ތާލިބާނުންނާއި ގުޅުން އޮންނަކަން ދޮގު ކުރަމުން ދިޔަނަމަވެސް، އެ ޖަމާޢަތައް ހިއްވަރު ލިބޭފަދަ އެތައް ވާހަކައެއް މީގެ ކުރިން އެޤައުމުން ވަނީ ދައްކާފައެވެ. އެގޮތުން އެހެން ޤައުމެއްގެ އަސްކަރީ ހަރަކާތްތައް އަފްޣާނިސްތާނުގައި ހިންގުމުގެ ފުރުސަތު ނުދޭން މީގެ ކުރިން ރަޝިޔާއިން ގޮވާލާފައިވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

ސުލްޙަ ޤާއިމްކުރުމަށް ކަމަށް ބުނެ ދުނިޔޭގެ ގިނަ ޤައުމުތަކުގައި އެމެރިކާގެ ސިފައިން ހަރަކާތްތެރި ވެއެވެ. އޭގެތެރޭގައި މެދުއިރުމަތީގެ ހަމަނުޖެހުން ބޮޑު ޤައުމުތައް ވެސް ހިމެނެއެވެ. ނަމަވެސް ސުލްޙައިގެ ނަމުގައި އެމެރިކާއިން މި ޤައުމުތަކުގައި އަސްކަރީ ހަރަކާތްތައް ހިންގުމާއި ގިނަ ބަޔަކު ދެކޮޅު ހަދައެވެ.

އަފްޣާނިސްތާނަކީ އެމެރިކާގެ އަސްކަރީ ހަރަކާތްތައް އެންމެ ބޮޑަށް ވަރުގަދަކޮށްފައިވާ އެއް ޤައުމެވެ. މިގޮތުން 2001 ވަނަ އަހަރުން ފެށިގެން އެޤައުމުގައި އެމެރިކާގެ ގިނަ އަސްކަރީ ކޭމްޕުތައް ޤާއިމްކޮށް ސިފައިން ގެންގޮސްފައި ވެއެވެ. އެމެރިކާއިން ދަނީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ސިފައިންގެ އަދަދު އަހަރަކަށްފަހު އަހަރެއް އިތުރު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙިޔަޅު

    މަރާ ހުސްކުރިއަސް ފާފައެއް ނުވާނެ...

    20
  2. ރަނގަޅު

    ރަގަނޅު ރަޝިއާ...ބަރާބަރު އަދި ތާލިބާނުން ނަށް ހަނތިޔާރު އަޑިން އީރާނުން ވެސް ދޭކަމަށްބެލެވޭ..ރަޝިއާ އަދި އީރާން އެކަތިގަނޑަކަށްވެ ހަނގުރާމަ އެއްކޮށްފިއްޔާ
    މުޅި ނޭޓޯ އާއި އެމަރިކާގެ ވަސްވެސް މުޅި ދުނިޔެއިން
    ފޮހެލާނެ

    13
    1
  3. ޟ

    އަލްހަމްދުލިﷲ