ޖަޕާނުގައި ހިނގާއިރު ފޯނަށް ބަލަހައްޓައިގެން ނޫނީ ފޯނާ ކުޅެމުން ހިނގުން މަނާކޮށްފިއެވެ. އެގޮތަށް ނިންމީ ޖަޕާންގައި ބައިބޯވުމާއި ކާރުބާރު ބޮޑުވުމުގެ ސަބަބުން ފޯނަށް ބަލައިގެން ހިނގާ ނަމަ، ނުރައްކާތެރި ކަމެއް ހިނގާފާނެ ކަމުގެ ބިރަށެވެ.

ޓޯކިޔޯގައި މިގޮތަށް ފޯނަށް ބަލަހައްޓައިގެން މީހުން ހިނގުން މަނާކުރީ މިއަދެވެ. މިއީ މުޅި ދުނިޔޭގައި ވެސް ފެންނަ ނުރައްކާތެރި އާދައެކެވެ.

ޔަމަޓޯ ސިޓީގައި ވެސް ރެއިލްވޭއަށް ދަތުރުކުރާ މީހުންނަށް ފެންނާނެހެން ވަނީ ހިނގާއިރު ފޯނާ ކުޅެމުން ހިނގުން މަނާކަން އަންގަން ބެނާތަކެއް ހަރުކޮށްފައެވެ. މި އުސޫލަށް ތަބާވާން ޖެހެނީ ހަމައެކަނި އުޅަނދު ދުއްވާ ތަން ތަނަކު އެކަންޏެއް ނޫނެވެ.

ޕާކްތަކާއި މަގު އަދި އަވަށްޓެރި ހިސާބުތަކުގައި އުޅޭ އިރު ވެސް ހިނގަމުން، ފޯނާ ކުޅުމަކީ މަނާކަމެކެވެ. ފައިމަގުގައި ހިނގާފައި އުޅޭ ނަމަ، ފޯނާ ކުޅެމުން ހިނގުން އެއީ މިހާރު ޖަޕާނުގައި މަނާކަމެކެވެ.

ފޯނާއި ކުޅެން ބޭނުންނަމަ ޖެހޭނީ ތަނެއްގައި މަޑުކޮށްލާށެވެ. އަދި މިހާތަނަށް މި އުސޫލަށް ތަބާނުވި ނަމަވެސް އަޅާނެ ފިޔަވަޅެއް ނިންމާފައެއް ނުވެއެވެ. އެނަމަވެސް މި ނިންމުމަށް އާއްމުންގެ ފަރާތުން ވަރަށް ފުރިހަމައަށް އެއްބާރުލުން ލިބޭކަމަށް ކަމާ ބެހޭ ފަރާތްތަކުން ހާމަކުރެއެވެ.

ބައެއް މީހުން ގާބޫލު ކުރާގޮތުން ފޯނާއި ކުޅެމުން ހިނގުން މަނާކުރުމުގެ ބަދަލުގައި ތަންކޮޅެއް ބޮޑަށް ސަމާލުވުމުންވެސް އެ މައްސަލަ އަށް ހައްލު ލިބޭނެއެވެ.

ޖަޕާނުގެ ޑޮކޮމޯއިން 2014 ވަނަ އަަހަރުކުރި ދިރަސާއިން ދައްކާ ގޮތުން 95 އިންސައްތަ މީހުންނަށް ފޯނާއި ކުޅެމުން ހިނގުމުގެ ސަބަބުން ވަށައިގެންވާ މާހައުލުގައިވާ ތަންތަން ރަނގަޅަށް ނުފެނި ހިނގަން މެދުވެރިވިއެވެ. އޭގެ ތެރެއިން 3 ބައިކުޅަ 2 ބައި މީހުންނަށް ހާދިސާ އަކާ ދިމާނުވެ މަގު ހުރަސް ނުކުރެވޭކަން އެ ދިރާސާގައި ފާހަގަކުރެއެވެ. އެގޮތުން 446 މީހުން އެކަކު އަނެކެއްގެ ގައިގައި ޖެހުނު އިރު 103 މީހުން ވެއްޓެން ވަނީ މެދުވެރިވެފައެވެ.